ދެބަހުން ލޭބަލް ނުކޮށް މުދާ ވިއްކާ ތަންތަން ޖޫން މަހުން ފެށިގެން އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމައިފި

ޖޫން މަހުން ފެށިގެން ދިވެއްސާއި އިނގިރޭސި ބަހުން ލޭބަލް ނުކޮށް މުދާ ވިއްކާ ފަރާތްތައް އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ވިއްކާ މުދާ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލޭބަލް ކުރަން އަންނަ މޭމަހުގެ 13 އިގެ ނިޔަލަށް މުއްދަތު ދީފައިވާ ކަމަށެވެ. އެ ތާރީހުގެ ފަހުން އެފަދަ މުދާ ވިއްކަން ބަހައްޓައިފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މުދާ ވިއްކާ އިރު އިނގިރޭސި ބަހާއި ދިވެހި ބަހުން ލޭބަލް ހުންނަން ޖެހޭ ތަކެތީގެ ތެރޭގައި ހިމެނެނީ ރާއްޖެ އަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖޭގައި އުފައްދާ ތަކެއްޗާއި ޕެކެޓުކޮށް ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ ތަކެއްޗެވެ.
"ވަކި ގޮތަކަށް ބޭނުން ކުރަން ޖެހޭ އެއްޗެއް ނަމަ އެ އެއްޗެއް ބޭނުންކުރަން ޖެހޭ ގޮތާއި އެއްޗެއް ބަންދުކޮށްފައިވާ ދަޅު ނުވަތަ ފުޅި ނުވަތަ ޕެކެޓު ނުވަތަ ފޮށީގައި ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެ ލޭބަލް ކޮށްފައި ހުންނަން ވާނެ،" އިކޮނޮމިކް މިނިސްޓްރީގެ ނޫސް ބަޔާނެއްގައިވެ އެވެ.
އަދި އެގޮތަށް ފިހާރަތަކުން ޢަމަލު ކުރޭތޯ އެ މިނިސްޓްރީން ވަނީ ފިހާރަތަކުގައި ހުރި އެފަދަ މުދާ ބެލުމުގެ ގޮތުން ފިހާރަތައް ޗެކް ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ