ގާޒީ ހައްޔަރުކުރަން އަޅުގަނޑަކަށް ނަޝީދު އަމުރެއް ނުކުރޭ: ޒިޔާދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދު މައްޗަށް އަމުރުކޮށްފައިނުވާ ކަަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޒިޔާދުގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، އޭނާ ވަނީ ދައުވައަށް އިންކާރު ކުރައްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ޒިޔާދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަަރުކުރި ރޭ 08:00 ޖަހާ ކަންހާއިރު މާލޭ އޭރިއާއާގެ އޭރުގެ ކޮމާންޑަރު އިބްރާހިމް ދީދީ ގުޅުއްވައި އެބޭފުޅުންގެ ކޮޓަރިއަށް ވަޑައިގަތުމަށް އެދިލެއްވި ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ނަޝީދުއަށް އަންގާފައިވާނެ ކަމަށް ދީދީ އޭނާގެ ގާތުގައި ވިދާޅުވެފައިވާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ނަޝީދު އޭނާއަށް އަމުރުކުރައްވާފައިނުވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޒިޔާދާއި ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅާފަވާއިރު، ޒިޔާދުވެސް ވަނީ އޭނާގެ ދިފާއުގައި ހެކި ހުށަހަޅާފަ އެވެ.
މިދައުވާގެ އަޑުއެހުމެއް މިރޭވެސް ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.
އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ދައުވާ ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތް އިބްރާހިމް ކަލޭފާނާއި، މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި، ކުރީގެ ބްރިގޭޑިއަ ޖެނަރަލް ރިޓަޔާޑް އިބްރާހިމް ދީދީއާއި، ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ