ވަކި ބަޔަކަށް ތާއީދުކުރަން ޖޭޕީގެ ސްޓޭންޑެއް ނެތް: ގާސިމް

ވަކި ބަޔަކަށް ތާއީދު ކުރަން ނިންމާފައިވާ  ނިންމުމެއް މިހާރަކު ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ވީޓީވީން މިއަދު ދެއްކި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ޕާޓީގެ ބައެއް އިސް ބޭފުޅުން އިދިކޮޅު މީހުންނާއެކު މުޒާހަރާތަކުގައި ބައިވެރިވަމުން ގެންދަވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އަދި އެކަމަށް ކުރެވޭނެ “ކަމެއް ނޯންނާނެ” ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“ވަރަށް ސައިލެންޓްކޮށް މިހާރު އޮތީ. އެކަމަކު ޕާޓީގައި ހިމެނޭ ބައެއް މަދު ބޭފުޅުން ބައެއް ހަރަކާތްތަކުގައި ބައިވެރިވެގެން މަގުމަތިން ވެސް އެބަ ފެނޭ. އެއީ އަމިއްލަ ގޮތުން. އަޅުގަނޑަކަށް އެބޭފުޅުންނަށް އަނެއްހެން ކުރެވޭނެ ކަމެއް ނޯންނާނެ،” ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަދަބު ދެވިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރިން ވިދާޅުވީ އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި އިސްތިއުފާދޭން ވިދާޅުވުމުން ނަޝީދު އިސްތިއުފާ ދެއްވާފައި ވާތީ އެއީ އެމަނިކުފާނަށް ދެވުނު އަދަބެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. ނަމަވެސް ނަޝީދަށް ކޯޓުން ހުކުމް ކުރުމުން ދެން އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއެކު މުޒާހަރާތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޖޭޕީގެ އިސް ދެބޭފުޅުންނަކީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބުރާހީ މާއި ޑރ. ހުސައިން ރަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ