ޓެރަރިޒަމްގެ ގާނޫނަކީ ދިވެހިން މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއާ ފުށުއަރާ އެތައްކަމެއް ހިމެނޭ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ދަށުން ރައީސް މުހައްމަދު ނަޝީދަށާއި އެހެން މީހެއްގެ މައްޗަށްވެސް ދައުވާ ކުރެވިދާނެ ކަަމަށް ގަބޫލުނުކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ޕްރޮސެކިއުޓަ ޖެނަރަލް އުފުއްލެވުމާ ގުޅިގެން ނަޝީދު ފިއްލަވާވަޑައިގެންފައިވާނެ ކަމަށް ބެލެވިގެން ކަމަށް ތުހުމަތުކޮށް މިއަދު ކޯޓް އަމުރެއް ނެރެގެން ނަޝީދު ހައްޔަރުކުރެއްވުމާއި ގުޅިގެންނެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ކަންމަތީ ބައްްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ގަސިމް އިބްރާހިމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ މާކުރިން އެކުލަވާލާަފައިވާ ގާނޫނަކަށްވެފައި އެ ގާނޫނުގައި ގާނޫނު އަސާސީގެ ރޫހާ ހިލާފު އެތައް ކަމެއް ހިމެނޭ ކަަމަށެވެ.
"މިއަދުގެ ޓެރަރިޒަމްގެ ގާނޫނަކީ ދިވެހިރާއްޖޭގައި އޮތް މިއަދުގެ ގާނޫނު އަސާސީއާ މެޗްވާ އެއްޗެއް ނޫން އެއްގޮތަކަށްވެސް. ވަަރަށް ބޮޑެތި ބޭކާރު ކަންތައްތައް އޭގައި އެބަހުރި. އެހެންވީމާ އަޅުގަނޑު ޕްރޮސެކިއުޓަ ޖެނަރަލަށް ދަންނަވާލަން ބޭނުންވަނީ އެގޮތަކަށް އެކަމެއް ނުކުރެއްވޭނެއޭ. އަނބުރާ ގެންދަވާށޭ އެމައްސަލަ އިނގޭތޯ، ވަރަށް ރަނގަޅަށް ހާމަސާފުކޮށް މިދަންނަވަނީ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބޭނުމަކަށްޓަކައި އެއްވެސް ދިވެހި ރައްޔިތަކަށް އަނިޔާވެރިނުވުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސްކުރައްވާ ކަމަށެވެ. ރައީސް ނަޝީދުގެ މައްޗަށް ކުރައްވާ ދައުވާ އިތުރު ބަައެއްގެ މައްޗަށް ވެސް ކުރައްވާ ކަން ފާހަގަކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ ހަމައެކަނި ރައީސް ނަޝީދު ހައްޔަރުކުރެއްވުމަކީ އަނިޔާވެރިވުން ކަމަށެެވެ. އަދި ވިދާޅުވީ ޒިންމާއަދާކުރައްވަން ވާނީ ހައްގާ އިންސާފަށް ލޯބިކުރައްވައިގެން ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވި ފަދައިން މިއަދު ދިވެހި އެއްވެސް ރައްޔިތަކަށް ސަލާމަތާ ރައްކާތެރިކަން ނެތް ކަން ޔަގީންވެގެން ހިގައްޖެ ކަމަށެވެ. ނާޒިމަށާއި ރައީސް ނަޝީދުގެ މައްޗަށް ކުރަމުންދަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެހެން ވިދާޅުވެގެން ޕީޖީ އެމަނިކުފާނުގެ މައްޗަށް ދައުވާކުރެއްވި ނަމަވެސް އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވާނެ ކަމުގައިވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނަޝީދުގެ މައްޗަށް ކުރެއްވި ދައުވާ އަނބުރާ ގެންދިއުމަށްފަހު އަލުން ޓެރަރިޒަމްގެ ދަށުން ދައުވާ ކުރެއްވުމަކީ މުޅި ދުނިޔެ އެކަމަށް ޖޯކް ޖަހާނެ ކަމެއް ކަމަށެވެ. ދިވެހިރާއްޖެ މިއަދު އޮތީ މުޅި ދުނިޔެއާ ގުޅިލާމެހިފައި ކަަމަށްވާތީ ސަރުކާރުން ކުރާ ސިޔާސީ ދައުވާތަކާއި ސިޔާސީ ގޮތުން ކުރައްވާ ކަންކަމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ނަޝީދުގެ މައްޗަށް ކުރައްވާ ދައުވާ އަކީ އެއީ ދިވެހި ރައްޔިތުން ބަނޑަށް ޖައްސުވަން ކުރައްވާ ދައުވާއެއްތޯ ގާސިމް އިބްރާހިމް ވަނީ ސުވާލު ކުރައްވާފަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ސިޔާސީ ގޮތުން ކުރެވޭ ކަންކަމަށް ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުން ނުދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ހާއްސަކޮށް ސަލާމަތީ ފަރާތްތަކާއި ދިވެހިރާއްޖޭގެ ކޯޓްތަކުން ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިރު ގަންނަނީ ހެއްދެވި ފަރާތަށް އެކަނި ކަމަށާއި ބިރު ދައްކައިގެން ކަންކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދިފާއުގައި މިހާރު ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާނުލައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ބިރު ދައްކާކަށްވެސް ކަންތައްތަކެއް ކުރައްވާނެ ކަމެއް ނެތް. އަޅުގަނޑުމެން ބިރެއްވެސް ނުގަންނާނެ. ކިތަންމެ ކުޅި ސަމާސާއެއް ޖެއްސެވިޔަސް އަޅުގަނޑުމެއް ބިރެއް ނުގަންނާނެ. އަޅުގަނޑުމެން މިތިބީ ބިރުގަނެގެން ފަހަތަށް ޖެހޭކަށް ނޫން. އެއްގޮތަކަށްވެސް އެކަމެއް ނުވާނެ. އެކަމެއް ނުވެސް ކުރެއްވޭނެ. ކުރެއްވޭނެ ހަމައެއްވެސް ކަމެއް ނޯންނާނެ ބިރުދައްކާކަށެެއް،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ޓެރަރިޒަމް ގާނޫނުގެ ދަށުން ނަޝީދުގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ