ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފިރިމީހާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ފިރިމީހާ ދުނިޔޭގައި އެބަހުރި ކަމަށް ބުނެ އަންހެނަކު ސުޕްރީމް ކޯޓަށް އެކަން އަންގައިފި އެވެ.
ސ. ހުޅޫދޫ، ކަޅުމަގިގެ މަރިޔަމް ޒުބެއިރު މިއަދު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ފިރިމީހާ ދުނިޔޭގައި ހުއްޓައި އޭނާ އަކީ މަރުވެފައިވާ މީހެއް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ގާނޫނީ ގޮތުން އޭނާ އަކީ ހުވަފަތްވެފައިވާ މީހަކަށް ވެއްޖެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"ސުޕްރީމް ކޯޓުގެ ހުކުމަކުން މިގޮތަށް ނިންމާފައިވީ ނަމަވެސް އަޅުގަނޑުގެ ފިރިމީހާ ހ. ސްވޯޑު އަހުމަދު ނަސީމް އަދިވެސް ދުނިޔޭގައި އެބަ ހުންނެވި އެވެ. ވީމާ އަޅުގަނޑުގެ ފިރިކަލުން ނިޔާވެއްޖެ ކަމަށް ނިންމާފައިވާ ނިންމެވުން ބާތިލްކޮށްދެއްވައި އަޅުގަނޑު ހުވަފަތް ނުވާ ކަމަށް ނިންމަވައިދެއްވުން އެދެމެވެ،" މަރިޔަމް ޒުބެއިރުގެ ސިޓީގައިވެ އެވެ.
އޭނާ ބުނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ފިރިމީހާ މަރުވެއްޖެ ކަމަށް ކަނޑައަޅާފައި އޮތް ކަން އެނގުނީ އެ ކޯޓުގެ ހުކުމުގައި މަރުވެފައިވާ ކަމަށް ފާހަގަކުރި ބައެއް މީހުން ދުނިޔޭގައި އެބަތިބި ކަމަށް ވިދާޅުވެ އޭނާގެ ފިރިމީހާގެ ނަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ރޭ ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވުމާ ގުޅިގެން ޗެކްކުރުމުން ކަމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ނަން އޮވެ ފިރިމިހާ ވޯޓު ވެސް ލާފައިވާ ކަމަށް މަރިޔަމް ބުންޏެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބު ބާތިލްކުރީ ވަރަށް ހައިރާން ކުރުވަނިވި ގޮތަކަށް ކަމަށެވެ. އެގޮތުން މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓު ލީ ކަމަށް ބުނެ ސުޕްރީމް ކޯޓުން ފާހަގަކުރި ތިން މީހަކު ދުނިޔޭގައި ތިބި ކަމަށް މިހާތަނަށް ބެލި ބެލުމުން ޔަގީންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލު ދެއްކެވުމުގެ ގޮތުން ސ. މަރަދޫ، މުސްކުރާނާގެ މުހައްމަދު އަހުމަދާއި، ހިތަދޫ، ބްލޫރޫމް ފާތިމަތު ދީދީ އަދި މާލޭ ސްވޯޑް އަހުމަދު ނަސީމް ވެސް މަރު ނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
"އެ ދުވަހު އެމީހުން ވޯޓު ވެސް ލާފައި ހުރި ކަމަށް އެ މީހުން ބުނޭ. މިގޮތަށް އެތައް ބަޔަކު އެބަ ތިބި ސުޕްރީމް ކޯޓުން މަރުވެފައި ތިބި ކަމަށް ފާހަގަކުރި އެކަމަކު ދިރި ތިބެ ވޯޓު ލާފައި. އިންތިހާބު ބާތިލްކުރީ މަރުވެފައި ތިބި މީހުން ވޯޓުލީ ކަމަށް ބުނެ. ވަރަށް އެހެން ކަހަލަ ގޮތަކަށް އިންތިހާބު ބާތިލްކުރީ،" ފުއާދު ވިދާޅުވި އެވެ.
ހުވަފަތް ނުވާކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ