އެންމެ ގިނަ ބަޔަކަށް ރައްކާތެރިކަންދޭ އެއްބޭފުޅަކީ ގާސިމް: ފައިސަލް

މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކަމަށްބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހައްޔަރު ކޮށްފައިވާއިރު، އެންމެ ގިނަ ބަޔަކަށް ރައްކާތެރިކަންދޭ އެއްބޭފުޅަކީ ޤާސިމް ކަމަށް ކާށިދޫ ދާއިރަގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ މާލަމުގައި މިޙާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ކުޑަ ހިނދުކޮޅަކަށް ބާރު އޮތީތީ މީހަކަށް އަނިޔާ ދެވިދާނެ ކަމަށާއި އެކަމަކު ގާސިމް އިބްރާހީމާ ދިވެހި ރައްޔިތުންގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ. ފައިސަލް ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ޕަޓީތަކުގެ ލީޑަރުން އެކުވެގެން ކުރަންފަށާފައިވާ މަސައްކަތަކީ މިގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ކަމަށެވެ.
ފަސަލް ވިދާޅުވީ ރައްޖޭގެ އެންމެ ކުޑަކުއްޖާއަށްވެސް ޣައިރު ގާނޫނީ އަމުރެއް ކޮށްފިނަމަ އެކަން އިނގޭނެ ކަމަށާއި ފުލުހުންނަށް އެވަރު ނޭނގޭތީ ހައިރާންވާ ކަމަށެވެ. އަދި އެފަދަ އަމުރަކަށް ކިޔަމަންވާ ނުޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންނަމަވެސް މިހާރު ކުރަމުންދާ ޣާއިރު ގާނޫނީ އަމުރަށް ތަބާވާ މީހުން އެމީހުންނަށްވެސް މިދުވަހާ ކުރިމަތިލާން ޖެހިދާނެ ކަަަމަށް ވިސްނަޖެހޭ ކަމަށް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ ގާސިމް އިބްރާހީމަށާއި ސިޔާސި ހައްޔަރީންނަށް ރާއްޖޭގައި ދެމުން ގެންދަނީ ހައްގު އަދަބެއް ނޫން ކަމަށާއި އެބޭފުޅުން މިނިވަން ކުރަންޖެހޭ ކަަމަށެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް އެއްވުމުން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ ކުރަފިތަކަކަށް ޝެލްޓޮކްސް ޖަހާހެން ކަމަށެވެ. ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އަނިޔާކުރި ދުވަސް އަލްވަދާއުކިޔާފައިވާ ކަމަށާއި ރައްޔިތުންނަށް އިންސާފު ހޯދައިދޭން ސަލާމަތީ ބާރުތަކުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ލޯއްބަކީ ބިރުދައްކައިގެން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި އެހެންކަމުން ރައްޔިތުންނަށް އިންސާފު ހޯދައިދޭން ތިބޭ މީހުން މިގައުމަށް މިއަންނަމުންދާ ބަދަލާމެދު ވިސްނަންޖެހޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ މަޖިލިހުގެތެރެއިންނާއި މަގުމަތިންނާއި އެހެނިހެންވެސް ތަންތަނުން މިހާރު އޮންނަނީ ބިރުދެއްކުން ކަމަށާއި ބަޔަކު އަދި ޤާނޫނާ ޚިލާފަށް އަމުރެއް ކުރިއަކަސް އެއަށް ތަބާވާން ނުޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ