ކޮމަންވެލްތުގެ މަންދޫބު އެކި ފަރާތްތަކާ މަޝްވަރާ ކުރައްވަނީ
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ހާއްސަ މަންދޫބު ޑޮނަލްޑް މެކިނަން އިއްޔެ ރާއްޖެ ވަޑައިގެން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވަން ފައްޓަވައިފި އެވެ.ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ބައެއް ސިޔާސީ ޕާޓީތަކާއެކު ކުރައްވާ މި މަޝްވަރާތަކުގެ ތަފުސީލެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއްނުވެ އެވެ. އެނގިފައިވާ ގޮތުގައި މެކިނަން ވަނީ ރައީސް މުހައްމަދު ވަހީދުގެ އެޑްވައިޒަރު ޑރ. ހަސަން ސައީދާއި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފަ އެވެ. އަދި މާދަމާ ރާއްޖޭން ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވަހީދާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވަނީ އެނގިގފަ އެވެ.ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މެކިނަންގެ ދަތުރުފުޅުގެ ބޭނުމަކީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމުގައި ކޮމަންވެލްތުގެ އެހީތެރިކަން ދިނުމާ ގުޅޭ ވާހަކަތައް ދެއްކެވުން ކަމަށެވެ.ކޮމަންވެލްތުގެ މަންދޫބު ރާއްޖެ ވަޑައިގަންނަވާ އިރު ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަން ފޮރުވުމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ )ކޯނީ( އިން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ކަމުގައި ކޮމަންވެލްތު ވެސް ބައިވެރިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ އެ ޖަމާތުގެ ބޮލުގައި ތުހުމަތު އަޅުވައިފަ އެވެ.ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ މެކިނަންގެ ދަތުރުގައި ރާއްޖޭގެ ކަމާ ބެހޭ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. ޝަރުމާގެ ބަޔާނުގައިވަނީ ވެރިކަން ބަދަލުވުމުގެ ތެރޭގައި، ފުލުހުން ހިންގި އަނިޔާވެރި އަމަލުތައް ތަހުގީގުކުރަން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ. އަދި މުއައްސަސާތައް މިނިވަންކޮށް ރިފޯމްކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާތީ އެކަމަށް ވެސް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.ޝަރުމާ ވިދާޅުވެފައިވަނީ ރާއްޖޭގައި މި އަހަރު ބާއްވާ ރިއާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އަދި ހަމަހަމަކަމާ އެކު ކެމްޕޭންކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ލިބިގެންދާނެ އިންތިހާބަކަށް ވުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރިއާސީ އިންތިހާބަކީ ޑިމޮކްރެސީ ހަރުދަނާކޮށް، ގައުމު ބިނާކުރުމުގެ މަސައްކަތް އަލުން ފަށަން ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ