ޖޭ.ޕީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒް ކްރިމިނަލް ކޯޓަށް ހާޟިރުވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް އަބްދުﷲ ރިޔާޒް ދާދި ދެންމެއަކު ކްރިމިނަލް ކޯޓަށް ހާޟިރުވެވަޑައި ގެންފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ރިޔާޒަށް ފޮނުވި ޗިޓްގައިވަނީ މިރޭ 8:00 އަށް ކޯޓަށް ހާޟިރުވުމަށެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތުގެ އަޑުއެހުން ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް ކްރިމިނަލް ކޯޓުންވަނީ މިރޭގެ އަޑުއެހުން ސިއްރު ކޮށްފައެވެ. އެހެންކަމުން، ނޫސްވެރިންނަށާއި އާންމު އެއްވެސް ފަރާތަކަށް ޝަރީއަތުގެ މަޖިލީހަކަށް ނުވަދެވޭނެއެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުއްވި ކަމުގެ ދައުވާއެވެ. މިދައުވާ އުފުލާފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައިނުވާތީ ކަމަށް ބުނެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުން ނިންމާލީ މިމަހުގެ 23 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވަން ނިންމުމަށްފަހުއެވެ. ނަމަވެސް ދެވަނަ އަޑުއެހުން މިރެއަށް އަވަސްކުރި ސަބަބެއް ވަނީ ސާފުވާގޮތް ނުވެފައެވެ.
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޒުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ. މިރޭގެ އަޑުއެހުމުގައި އޮންނާނީ އަބްދުﷲ ރިޔާޒުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމެވެ.
ރިޔާޒުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބަހައްޓައިދޭން ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އެދުނުނަމަވެސް މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު ވިދާޅުވީ އަބްދުﷲ ރިޔާޒު ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ކަންތައްތަކެއް ދައުލަތުން ފާހަގަކޮށްފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ