ކޯލިޝަނުން އަދާލަތު ޕާޓީ ވަތްކެއް ނުވާނެ: ގައުމީ އިއްތިހާދު

ރައީސް މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ގައުމީ އިއްތިހާދުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
އައްބާސް ވިދާޅުވީ ރައީސް ވަހީދުގެ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމުގެ ވިސްނުން ގެންގުޅޭ ކަމެއް އެނގިފައިނުވާއިރު، އެފަދަ ކަމެއް މިހާތަނަށް ރަސްމީކޮށް ކޯލިޝަން ޕާޓީތަކާ އެކު ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ކޯލިޝަންގެ ކެމްޕޭން ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް އެ ޕާޓީގެ މެމްބަރުންތަކަކަށް ފެންނާތީ އެކަމާ މަޝްވަރާކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ހުށަހެޅިކަމުގެ މައުލުމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މަޝްވަރާކުރަން ހުށަހެޅުނު ކަމެއް. އަދާލަތު ޕާޓީ ރައީސް ވަހީދުގެ ކޯލިޝަންގައި ވަރަށް ވަރުގަދަ އަށް ދެމިތިބީ. ކެމްޕޭން ވެސް ކުރިއަށް ދަނީ ހަތަރު ޕާޓީގެ ބެލުމުގެ ދަށުން އަދާލަތު ޕާޓީ ވެސް ފުރިހަމަ އަށް ބައިވެރިވެގެން،" އައްބާސް ވިދާޅުވި އެވެ.
ކޯލިޝަންގެ ކެމްޕޭން ހަރަކާތްތައް އެކަށީގެންވާ ކުރިއަށް ނުދާ ނަމަ އެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އަދާލަތުން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެކަމުގެ މާބޮޑު ތަފްސީލެއް ހިއްސާނުކުރައްވައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ކޯލިޝަންގެ ކެމްޕޭން ހުއްޓިފައިވާ ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް އިމްރާންގެ އެ ވާހަކަތަކަށް ގައުމީ އިއްތިހާދު ޕާޓީން އެއްބަހެއް ނުވެ އެވެ.
އެ ޕާޓީން މީޑީއާ އަށް މައުލޫމާތު ދެއްވާ އަލީ ހާޝިމް ވިދާޅުވީ އެކި ޕާޓީތަކުން އެކި ގޮތްގޮތަށް ކެމްޕޭން ކުރިއަށް ގެންދާއިރު، ކޯލިޝަންގެ ކެމްޕޭން ވެސް ވަރަށް ބާރަށް ކުރިއަށް އެބަ ދާ ކަމަށެވެ. އަދި ކޯލިޝަން ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތައް ވެސް މައްސަލައެއް ނެތި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މަސައްކަތު ލެވެލްގައި އެއްވެސް ދަތިކަމެއް އުނދަގުލެއް ހުރަހެއް ނެތް. އަދާލަތު ޕާޓީގެ ހުރިހާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ،" އަލީ ހާޝިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯލިޝަންގައި ދެމިތިބުމަށް އަދާލަތާ އެކު ވެސް އެގްރިމަންޓެއް ހަދާފައިވާ ކަމަށާއި އެ އެގްރިމަންޓަކީ ދެ ފަރާތުން ވެސް އިހްތިރާމްކުރާނެ އެއްޗެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ އެގްރިމަންޓުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ބޭނުމަށް އެކުލަވާލި "ގައުމައިގެން ކުރިއަށް" ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އާއި ގައުމީ ޕާޓީ އަދި ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ