ސެޕްޓެމްބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ ފައިސާއަށް ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވަކިވެ އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ ގުޅިފައި ވަނީ 25 މިލިއަން ރުފިޔާ އަށް ކަމަށް ނުރަސްމީކޮށް އެނގިފައިވާ ކަމަށް ޕީޕީއެމުން މިއަދު ވަނީ ބުނެފަ އެވެ.
އެ ޕާޓީން މިހެން ބުނެފައި ވަނިކޮށް، ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް ނިންމުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އަދާލަތުން އެ ޕާޓީއާ ގުޅެން ނިންމީ ފައިސާއަށް ކަމަށް ބުނެ ބަޔަކު ފަތުރާ ޕްރޮޕަގެންޑާ އަކީ ދޮގެއް ކަމަށެވެ. އިންތިހާބުގައި އެ ޕާޓީއާ އެކު ކުރިއަށްދާން އަދާލަތުން ނިންމާފައިވާ ނިންމުމަށް ގާސިމް ވަނީ އެ ޖަލްސާގައި މަރުހަބާ ވިދާޅުވެ އެ ޕާޓީ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.
"ޖުމްހޫރީ ޕާޓީއަކުން ތިބޭފުޅުންނަށް [އަދާލަތަށް] ލާރިއެއް ނުދޭ. ތިބޭފުޅުން ބަދުނާމުކުރުމަށް އެ ދައްކަވާ ވާހަކަ އަޑުނާއްސަވާށޭ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން،" އަދާލަތު ޕާޓީގެ އިސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީއަކީ މާތްވެގެންވާ ދީނުގެ އުސޫލްތަކާއި ހަމަތައް ދަމަހައްޓައި ރާއްޖޭގެ ކުރިއެރުމާއި ތަހުޒީބަށް ކުރާ މަސައްކަތުގައި ހުރަހެއް ނޫން ކަން ވަރަށް ސާބިތުކަމާއެކު ވަނީ ދައްކުވައިދީފަ އެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަދި އިގްތިސާދަށް ކުރާ މަސައްކަތްތަކުގައި ވެސް އަތާ އަތް ގުޅާލައިގެން ފޭރާން ރަނގަޅުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ ޕާޓީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އުފައްދާފައިވާ ކޮންމެ ސިޔާސީ ޕާޓީއަކާ ވެސް ވާހަކަ ދެއްކުމަށް ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށެވެ. ޕާޓީތަކާ އެކު އުފައްދަން ޖެހޭ ހުރިހާ ގުޅުމެއް އުފައްދައިގެން ވެސް ކުރިއަށް ދާން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނެތީމު މި ހިސާބުންނޭ ފުލްސްޓޮޕް ޖަހާނީ ދަންނަވާކަށް. ކޮންމެ ހިސާބަކުން ވެސް ހުރިހާ ބޭފުޅުންނަށް ވެސް ބައިވެރިވެވަޑައިގެންނެވޭނެ، ނުވަތަ އަޅުގަނޑުމެން ވެސް މި ތިބީ އެ ބޭފުޅުންނާ ބައިވެރިވާން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ކޮންގްރެސް އަށް ފަހު ރިޔާސީ އިންތިހާބު ކުރިއަށް އޮތްއިރު ބުރަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެ ޕާޓީން އިންތިހާބަށް ނުކުންނަނީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ، ތަނަވަސް އަދި އަމާން ދުވަސްތަކެއް ހޯދައިދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
"މި ދިވެހި އުއްމަތް ޣަރަގުވެގެން ދިޔަ ނުދިނުމަށްޓަކައި މާތްވެގެންވާ މަތިވެރި އިސްލާމްދީން ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މިކުރާ [ރިޔާސީ އިންތިހާބުގެ] ދަތުރު މި ފަށަނީ. މިފަދަ ބޮޑު މަސައްކަތެއް ކުރުމަށް އަޅުގަނޑުމެން ނުކުންނާނީ ސަމާސާ ސަމާސާ ގޮތަކަށް ނޫންކަން އަޅުގަނޑުމެން ވިސްނަން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބަށް އެ ޕާޓީން ވާދަކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަރަށް ވަރުގަދަ ހިތްވަރަކާއި އަޒުމަކާ އެކުގައި ކަމަށެވެ. އެގޮތަށް މަސައްކަތް ކޮށްފި ނަމަ އެ ޕާޓީ އަށް ކާމިޔާބު ލިބޭނެ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ދެ ވަނަ ކޮންގްރެސް ނިމުނީ ވަރަށް އޮމާންކަމާ އެކުގަ އެވެ.
އަދާލަތުން ކޯލިޝަން ހެދީ ފައިސާއަކަށް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ