އިސްލާމްދީން ހިމާޔަތްކުރުންމަތީ ދެމިތިބުމަށް ގާސިމް އިބްރާހިމް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވައިފި

މި ދިވެހި ގައުމުގެ ވިންދު، ގައުމުގެ ފުރާނަ ކަމުގައިވާ އިސްލާމްދީން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ އެންމެން ގުޅިގެން މަސައްކަތް ކުރުންމަތީ ދެމިތިބުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ، މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު، މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، މިފަދަ ދުވަހެއްގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެއްވަން އޮތް ނަސޭހަތަކީ، އެންމެން އެއްބާރުލައިގެން ގައުމިއްޔަތު ދިރުވަން އެބަޖެހޭ ކަމަށާއި، އާ ރޫހަކާއެކު ގައުމުގެ ވިންދު އަދި ގައުމުގެ ފުރާނަ ކަމުގައިވާ އިސްލާމްދީން ދަމަހައްޓަން އެބަޖެހޭ ކަމަށެވެ.
މާތްވެގެންވާ އިސްލާމްދީނަށް އުނިކަން ލިބޭ އެއްވެސްކަމެއް ހަމަ އެކަކުވެސް ކޮށްގެން ނުވާނެ ކަމަށާއި، ކަމެއް ރަނގަޅުކުރަން ކަމަށް ހަދައިގެންވިޔަސް ނުވަތަ ނުބައިކަމެއް ކުރާނޭކަމަށް ހީކޮށްގެން ކަމަށްވިޔަސް، އެއްވެސް މީހަކު އެފަދަކަމެއް ކޮށްގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އިސްލާމްދީނަށް އެއްވެސް ކަހަލަ ނިކަމެތިކަމެއް އަދި އުނިކަމެއް އަންނާނެ އެއްވެސްކަމެއް ވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހުރިއްޔާ ދެއްވާފައިވާ ކަމަށާއި، އެ ޔަގީންކަން ރައީސް ދެއްވުމުން އެމަނިކުފާނުގެ ހިތްޕުޅަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.
ގާސިމްގެ ވާހަކަފުޅުގައި، އިސްލާމްދީނަށާއި، ރާއްޖޭގެ ރައްޔިތުންނަށް މީގެކުރިން ކުރިމަތިވި ގޮންޖެހުންތަކުގެ ތާރީޚަށްވެސް ބައްލަވާލެއްވިއެވެ.
އިސްލާމްދީނުގެ ދިފާއުގައާއި ހިމާޔަތުގައި މުހަންމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ ބައިވެރިން ކުރެއްވި މަތިވެރި ޖިހާދުގެ މަތިން ގާސިމް ހަނދާން އާކޮށްދެއްވިއެވެ. ދިވެހިން މިއަދު އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި މިތިބީ އެ ޖިހާދުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ޖުމްހޫރީ ޕާޓީގެވެސް ބޭނުނަކީ އަޅުގަނޑުމެންގެ ދަރިންގެ މެދުގައި ގައުމީ ރޫހް އާލާކޮށް ދީނަށް ލޯބި ޖެއްސުން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް އިބްރާހިމް ވިދާޅުވީ، ގައުމިއްޔަތާއި ދީން ވަތްކެއް ނުކުރެވޭނެ ކަމަށެވެ.
މިހާރު ދިމާވެގެންއުޅޭ މައްސަލައަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ގާނޫނުއަސާސީގައި ރައްޖޭގެ ދީނަކީ އިސްލާމްދީން ކަން ކަނޑައަޅާފައިވާ ކަމަށާއި، ވުމާއެކު އެއާ ޚިލާފްވާ ފަރާތްތަކަކީ ކުށްވެރިން ކަމަށެވެ.
ޖެޕީގެ ލީޑަރ ވިދާޅުވީ، ވަކި މީހެއްގެ ހައްގުގައި މި ގައުމު ހަލާކުވެގެން ގޮސްގެން ނުވާނެ ކަމަށާއި، އަދި އެކަކުވެސް ހަލާކުގެ ތެރެއަށް ގޮސްގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ