ގޮނޑި ގެއްލިއްޖެ ކަމަށް އިއުލާން ކުރުމުން އަންނަނީ ހިނި: އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަމުންދާ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމުން އަންނަނީ ހިނި ކަމަށް އަބްދުﷲ އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ޕީޕީއެމްގެ ދަފުތަރުން ވަކިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އަންގާފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން އެ ހުކުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށް ދަފުތަރުން ވަކިކޮށް އެކަން މަޖިލީހަށް އެންގުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
އެކަމާ ގުޅިގެން މެންބަރު އަބްދުﷲ ވިދާޅުވީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުން އިންތިހާބު ކޮށްފައިވާ މަގާމުގައި އޭނާ އަދިވެސް ދެމިހުރި ކަމަށެވެ.
"ރައީސް ޔާމީންގެ "އަންދާ ގާނޫނުން" ގޮނޑި ގެއްލިއްޖެ ކަމަށް އިއުލާން ކުރުމުން އަންނަނީ ހިނި، ދެން އެންމެން އަތްޖަހާ،" މެންބަރު އަބްދުﷲ ވިދާޅުވި އެވެ.
މެންބަރު އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރައްވާފަ އެވެ. އަދި އޭގެ ފަހުން ޕީޕީއެމްއަށާއި ސަރުކާރަށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން ބަންޑާރަ ނައިބު ހުށަހެޅި މައްސަލާގެ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދި އޭނާ ވަނީ އެ ޕާޓީއަށް ސިޓީ ވެސް ފޮނުވާފަ އެވެ. ނަމަވެސް އޭރު އެ ޕާޓީން އެކަން ކޮށްފައެއް ނުވެ އެވެ.
މެންބަރު އަބްދުﷲގެ ގޮނޑި ގެއްލިފައިވާއިރު އިތުރު ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައި، ބައި އިލެކްޝަން ވަނީ އިއުލާންކޮށްފަ އެވެ. އެއީ، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން އެވެ.
މެންބަރު އަމީތާއި ސައުދާއި ވަހީދު އަދި ލަތީފް ވެސް ޕީޕީއެމްއިން ވަކިކޮށްފައިވަނީ އެ ޕާޓީން ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލާގައި ކުރި ސޮއި އަނބުރާ ގެންދިޔުމަށް އެދުމުން އެކަން ކޮށްފައިނުވާތީ ބެލި ސުލޫކީ މައްސަލާގައި ސުލޫކީ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެހެންކަމުން އަބްދުﷲ ވެސް ޕާޓީން ވަކިވާން އެދިފައިވީ ނަމަވެސް އޭނާ ވެސް ޕާޓީން ވަކިކޮށްފައިވަނީ މި ސުލޫކީ ފިޔަވަޅު އެޅުމަށްފަހު ކަމަށް ބެލެވެ އެވެ.
މެންބަރު އަބްދުﷲ މިފަހުން ވަނީ ހަތަރު މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި ގޮނޑި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ބަލައިގެން އިލެކްޝަން ކޮމިޝަނުން ބައި އިލެކްޝަންތައް ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމާ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ގޮނޑި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން އިލެކްޝަން ކޮމިޝަނުން މަނާކޮށް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާތީ އެކަމަށް ފާޑުވިދާޅުވެ މެންބަރު އަބްދުﷲ ވިދާޅުވެފައިވަނީ، ކަޅާއި ހުދުން އޮތް ސުޕްރީމް ކޯޓުގެ ހުކުމް އިލެކްޝަން ކޮމިޝަށް ސާފުނުވުމަކީ އެ ކޮމިޝަންގެ މެންބަރުންގެ މުސްތަގިއްލުކަން ގެއްލިފައިވާ ކަމެއް ކަމަށެވެ.
"އެހެންކަމުން އީސީގެ މެންބަރުންގެ ގޮނޑިތައް ވަނީ ހުސްވެފައި،" ސަރުކާރަށް ކުރާ ތާއިދު ގެންދަވާފައިވާ މެންބަރު އަބްދުﷲ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާ (ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ޕާޓީތަކުން އަޅާ ސުލޫކީ ފިޔަވަޅެއްފެ ސަބަބުން ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ މާއްދާ) ބާތިލުކޮށްފައިނުވުން މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ވެސް ގާނޫނުގެ މާއްދާގެ ފޮޓޯއެއް ޓްވީޓްކޮށް މެންބަރު ވަނީ ވިދާޅުވެފަ އެވެ.
މެންބަރު އަބްދުﷲ ޓްވީޓްކުރައްވާ ފޮޓޯގައިވާ ލިޔުމުގައި ބުނެފައިވަނީ، ގާނޫނުގެ މާއްދާއެއް އުވާނުލާނަމަ ތަންފީޒުކުރާ ފަރާތްތަކުން އެ މާއްދާއަށް ތަބާވާންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ