އެމްއެމްއޭގެ ސްޓްރެޓީޖިކް ޕްލޭނުގެ ދަށުން ފައިސާ ދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްޓްރެޓީޖިކް ޕްލޭން 2018 - 2022 އިފްތިތާހުކޮށްފިއެވެ.އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އަދި މާލީ ވަޒީރު އަހްމަދު މުނައްވަރު އެވެ.އެމްއެމްއޭއިން އަލަށް އިފްތިތާހުކުރި ސްޓްރެޓީޖިކް ޕްލޭންގައި ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން ފައިސާގެ މުއާމަލާތް ކުރާ ފަރާތްތަކަށް ލުއި ފަސޭހަ، އަވަސް، ރައްކާތެރި އަދި ޚަރަދު ކުޑަ ގޮތްތައް ޤާއިމު ކުރަން މަސައްކަތް ކުރުމަށް އެ ޕްލޭންގައި ހިމަނާފައިވެއެވެ.އެ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ، އެ ޕްލޭން އެކުލަވާލުމުގައި އެމްއެމްއޭގެ ހުރިހާ މުވައްޒަފުންގެ މަޝްވަރާއާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ފަންނީ ލަފާ ހިމަނާފައިވާނެ ކަމަށެވެ. އަދި އެ ޕްލޭންގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މާލީ ދާއިރާގެ އިދާރާތަކުގެ އެއްބާރުލުމާއިއެކުގައި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ."ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމު ވީހާ ވެސް ބޮޑަށް ނަގުދު ފައިސާއަށް ބަރޯސާނުވެ، ޑިޖިޓަލް ޕޭމަންޓްތަކާއި ހަމައަށް ގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފައިސާ ދައްކާ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ." ގަވަރުނަރު ވިދާޅުވިއެވެ.އެމްއެމްއޭގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ހަ ލަނޑުދަނޑިއެއްގެ މައްޗަށެވެ. އެ ލަނޑުދަނޑިތަކަކީ؛1. މަނިޓަރީ ޕޮލިސީ ހިންގުން ހަރުދަނާ ކުރުން2. ފައިނޭންޝަލް ސެކްޓަރގެ ސްޓެބިލިޓީ ދެމެހެއްޓުން3. (ހ) ރައްކާތެރި އަދި އެފިޝަންޓް ޕޭމަންޓް ސިސްޓަމެއް ޤާއިމު ކުރުން،  (ށ) އެމްއެމްއޭއިން ސަރުކާރަށް ދޭ ބޭންކިންގް ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުން4. އެމްއެމްއޭގެ އުފެއްދުންތެރިކަމާއި ގަވަނަންސް ހަރުދަނާ ކުރުން5. އިޤްތިސާދީ ދިރާސާތަކާއި ތަފާސްހިސާބު ހަރުދަނާ ކުރުން6. މާލީ ދާއިރާ ތަރައްޤީ ކުރުމާއި މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުން އިތުރު ކުރުންމި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ގަވަރުނަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ