އެމްއެމްޕީއާރުސީއަށް ލިބުނު ޑޮލަރު މާރުކުރަން ހަވާލުވީ ރައީސް، ފައިސާ ވެއްދީ ގެކޮޅަށް:އަދީބު

ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބުނު ޑޮލަރު މާރު ކުރުމާ ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމިން ކަމަށާއި އަދި އެ ފައިސާ ގެންގުޅުނީ އެމަނިކުފާނުގެ ގެކޮޅުގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކޯޓުގައި ވިދާޅުވެއްޖެ އެވެ.  
އަދީބު މިހެން ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާ އިއުލާން ނުކުރައްވަނީސް ބައެއް ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރުސީއަށް ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެމަނިކުފާނު މަގާމުގެ ނުޒޫފު ބޭނުން ކުރެއްވި ކަމަށް ބުނެ ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.  
އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ ދައުލަތަށް ލިބޭ ޑޮލަރު މާރުކުރެއްވުން ކުރިއަށް ގެންދަވާނީ ރައީސް ޔާމިން ކަމަށް އަމިއްލަފުޅަށް އެ މަނިކުފާނު ވިދާޅުވެ އެކަން ކުރެއްވީ އެމަނިކުފާނު ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީއަށް ޑޮލަރު ޗެކްތައް ވެސް ދިވެހި ފައިސާއަށް މާރުކުރުމުގެ މަސައްކަތް ކުރައްވަމުން ދިޔައީ ބިދޭސީއަކާއެކު ކުޑަ ކޮޓަރިއެއްގެ ތެރޭގައި ތިއްބަވައިގެން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. 
ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރައްވައި ހާމަކުރެއްވި މި ވާހަކަތައް ނުދެއްކުމަށާއި ދައްކައިފި ނަމަ ޖަލުގައި ދޭ ބައެއް އިނާޔަތްތައް ވެސް މެދު ކަނޑާލާނެ ކަމަށް އިންޒާރު ދީފައިވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. ނަމަވެސް އެ އިންޒާރު ދެއްވީ ކާކުކަން އަދީބު ކޯޓުގައި ވިދާޅެއް ނުވެ އެވެ. 
އަދީބު މި ތުހްމަތުތައް ކުރެއްވިއިރު، ހަލާލު ނޫން ފައިސާ ވަދެފައިވަނީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް (ދޫވެހި) ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން އިއުތިރާފުވެވަޑައިގެންފައިވެ އެވެ. 
މި ތުހްމަތާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ޖަވާބެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ، ޖަލުގައި ހުންނެވި ބޮޑު ކުށްވެރިޔަކު، ކުށުން ބަރިއްޔަވުމަށް ދައްކަވާ ވާހަކަ އަކަށް ދޭނެ ރައްދެއް ނެތް ކަމަށެވެ. 
އަދީބު ދެއްކެވި ވާހަކަތަކުގެ އިތުރު ތަފްސީލް އަންނަނީ 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ