މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދާއި އަދި މޯލްޑިވްސް އިންޑަސްޓްރިިއަލް އެލަޔަންސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭފަޔާޒް) ޖުމްހޫރީ ޕާޓީއާ މިއަދު ގުޅިވަޑައިގެންފި އެވެ.
ޖުމްހޫރީޕާޓީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިކަން އިއުލާން ކުރައްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިންރާހީމް މިއަދު ވިދާޅުވީ އެ މަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ފޯމް މާދަމާ ހުށަހަޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީ އާއި އަދި އުފެއްދުމަށް މަސައްކަތް ކުރާ، މޯލްޑިވްސް އިންޑަސްޓްރިއަލް އެލެޔަންސް ޖުމްހޫރީ ގުޅުމާ ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއް ފަހަރުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބު އެއްފަހަރުން ކާމިޔާބު ކުރުމަށް ޓަކައި ތައްޔާރުކުރާ މެނިފެސްޓޯ ތައްޔާރު ކުރާނީ ހުރިހާ ފަރާތެއްގެ ވެސް ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.
"އަޅުގަނޑުމެން އާދެ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި މަދަނީ އިއްތިހާދު އަދި މޯލްޑިވްސް އިންޑަސްޓްރިއަލް އެލެޔަންސް ގުޅިގެން މިހާރު މި ވަނީ ޖުމްހޫރީ ގުޅުމެއް އުފެދިފައި. އެހެން ކަމުން އަޅުގަނޑުމެންގެ މި ޖުމްހޫރީ ގުޅުމުން އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި ތައްޔާރު ކުރާ މެނިފެސްޓޯ އަޅުގަނޑުމެން ތައްޔާރު ކުރާނީ ހުރިހާ ފަރާތެއްގެ ވެސް މަޝްވަރާގެ މަތިން. އިރާދަ ކުރެއްވީއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުންނެއް ނޫން، އެއް ފަހަރުން،" ގާސިމް ވިދާޅުވި އެވެ.
އެފްއޭ ފަޔާޒް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީ އާ ގުޅުޅެން ނިންމެވީ ވަރަށް ގިނަ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އެގޮތުން ހުރިހާ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމުން ހުރިހާ ބޭފުޅުން ވެސް މަޝްވަރާ ދިނީ މިވަގުތު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުން ތެރޭގައި އެންމެ ގާބިލު އަދި އެ ބޭފުޅެއްގެ ފަހަތުގައި ގައުމު ތަރައްގީ ކުރެވޭނެ ބޭފުޅެއް ކަމަށް ގަބޫލު ކުރެވުނީ ގާސިމް އިބްރާހީމް އެކަނި ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މަދަނީ އަބްދުﷲ ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީ އަކީ އެ ޕާޓީގެ މެންބަރަކަށް ނުވިޔަސް ގައުމަށް ޓަކައި ހެޔޮއެދޭ ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެ ޕާޓީ އެއް ކަމަށް ވާތީ ކަމަށެވެ. އަދި ގައުމު ހަމަމަގަށް އެޅުވުމަށް އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނީ ގާސިމްއާ އެއްކޮށް ކަމަށް ވާތީ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ އޭނާ ގާސިމްގެ ރަނިންމޭޓްކަން ގަބޫލު ކުރެއްވީ އެއްވެސް ޝަރުތެއް ކަނޑައަޅައިގެން ނޫން ކަމަށެވެ. އަދި އޭނާ އަށް ރަނިންމޭޓްކަން ދެއްވުމުގައި ގާސިމް ވެސް އެއްވެސް ޝަރުތެއް ކޮށްފައި ނުވާ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.
މަދަނީ އަބްދުﷲ އާއި އެފްއޭ ފަޔާޒް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ