ސޯލާ ޕެނަލް ބޭނުންކޮށްގެން އުތީމަށް ކަރަންޓު ދޭން ފަށައިފި

އަވިން ހަކަތަ އުފައްދައިގެން ހއ. އުތީމަށް ކަރަންޓު ފޯރުކޮށްދޭން ފަށައިފިއެވެ.
ފެނަކައިން ހިންގަމުން އަންނަ އުތީމު އިންޖީނުގެއިން ސޯލާ ސިސްޓަމް ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދޭން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ. އަންގާރަ ދުވަހުގެ ހެނދުނު 7:20 އިން ފެށިގެން އެރަށަށް ކަރަންޓު ދެމުންދަނީ ސޯލާ ސިސްޓަމް އިން އުފައްދާ ކަރަންޓު ވެސް ބޭނުންކޮށްގެންނެވެ.
ވީއެފްޕީއާ ވާހަކަ ދައްކަވަމުން އުތީމު އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު ހުސެއިން ނަސީރު ވިދާޅުވީ، ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ. ޕޮއިސް ޕްރޮޖެކްޓް ސޯލާ ސިސްޓަމްސްގެ ދަށުން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓް އެއްކޮށް ނިމުމުން 150 ކިލޯވޮޓްގެ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ނަސީރު ވިދާޅުވެއެވެ.
އުތީމުގައި މިހާރު ހަރުކުރެވިފައިވާ ސޯލާ ޕެނަލްތަކުން 130 ކިލޯވޮޓްގެ ކަރަންޓު ނަގައިދެމުން އަންނަ ކަމަށް ނަސީރު ވިދާޅުވެއެވެ. އަދި ބާކީ 20 ކިލޯވޮޓްގެ ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އަންނަ ހަފުތާ ތެރޭގައި އެމަސައްކަތް ނިމޭވަރުވާނެ ކަމަށް ނަސީރު ވިދާޅުވެއެވެ.
މިހާރު ރަށަށް ސޯލާ ޕެނަލްއިން ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ރަށުގެ ކަރަންޓު ވިއުގައާ ގުޅުވާލައިގެން ކަމަށް ވެސް ނަސީރު ވިދާޅުވެއެވެ.
ނަސީރު ވިދާޅުވީ އެސޯލާ ޕެނަލްތައް އުތީމުގައި ހަރުކުރެވިގެން ދިއުމާއެކު ދުވާލު ވަގުތު އިންޖީނުތައް ނިއްވާލައިގެން މުޅިރަށަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އާބާދީގައި 960 އެއްހާ މީހުން ދިރިއުޅެމުން އަންނަ އުތީމުގައި ސޯލާ ޕެނަލް ހަރު ކުރުމުގެ މަސައްކަތްކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ