އުމަރު މަނިކާއި ޝާޔަން ވަކިކޮށް ޕީއެސްއެމްގެ އާ ބޯޑް އެކުލަވާލައިފި

ދައުލަތުގެ މީޑިއާ ހިންގުމަށް އުފައްދާފައިވާ ކުންފުނި, ޕީއެސްއެމްގެ ބޯޑުން އެކުންފުނީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު ވަކިކޮށް, އެ ބޯޑަށް އާ މެންބަރުންތަކެއް އައްޔަން ކުރައްވައި ރައީސް އަބްދުﷲ ޔާމީން އެ ކުންފުނީގެ އާ ބޯޑު މިއަދު އެކުލަވާލައިފި އެވެ.
ޕީއެސްއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާ ގުޅިގެން، އެ ބިލް ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު ތަސްދީގު ކުރައްވައިފަ އެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން ޕީއެސްއެމްގެ ބޯޑު އެކުލަވައިލުމުގެ ބާރު ދީފައި އޮތީ ޕްރައިވެޓައިޒޭޝަން ބޯޑަށެވެ.
އަލަށް އެކުލަވައިލި ބޯޑުގެ ޗެއާޕާސަނަކަށް ހަމަޖައްސާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ކުރީގެ ރައީސާ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް އަޒްރާ އަހުމަދެވެ. ބޯޑުގެ މެނޭޖިން ޑިރެކްޓަރަކީ ކުރިން ވެސް އެ މަގާމު ގައި ހުންނެވި ޚަލީލެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކީ ކުރީގެ ބޯޑު ގައި ވެސް އެ މަގާމު ފުރުއްވި އިކްރާމެވެ.
އާ ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި ދެން ތިއްބެވީ ޕީއެސްއެމްގެ ހެޑް އޮފް ޑިޕާޓްމަންޓުގެ މަގާމުގައި ހުންނެވި، އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) އާއި އައިޝަތު ހަފީޒެވެ.
ޕީއެސްއެމްގެ ބޯޑު މިފަހަރު އެކުލަވައިލީ، އެ ބޯޑުގައި ކުރިން ތިއްބެވި ޗެއާމަން އިބްރާހިމް އުމަރު މަނިކާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު ބޯޑުން ވަކި ކުރުމަށް ފަހު އެވެ. ކުރިން އެ ބޯޑުގައި ހަތް މެމްބަރުން ތިއްބެވި ނަމަވެސް، ގާނޫނަށް އަލަށް ގެނައި ބަދަލުގެ ސަބަބުން ބޯޑުގެ މެމްބަރުންގެ އަދަދު ވަނީ ފަހަކަށް ބަދަލުކޮށްފަ އެވެ.
ޕީއެސްއެމްގެ ބޯޑުގެ މައްސޫލިއްޔަތުގެ ތެރޭގައި ދައުލަތާއި ދިވެހި ގައުމުގެ ސިޔާދަތާއި ކަރާމާތާއި އަމިއްލަ މިނިވަންކަން ނެގެހެއްޓުމަށް ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައް ނިންމުންތައް ރައްޔިތުންނަށް ބަޔާންކޮށްދީ އެކަން ތަންފީޒު ކުރުމުގައި ޕީއެސްއެމްގެ މެނޭޖްމަންޓަށް އިރުޝާދު ދިނުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ