ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަންދުގައި ބެހެއްޓޭނީ ސުޕްރީމް ކޯޓުގެ އަމުރަކުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބަންދުކޮށްފައި ބެހެއްޓުމަށްޓަކައި މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އަމުރެއް ހޯދުން ލާޒިމް ކަމަށެވެ.
ހަސަން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރާނުލައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބަންދުގައި ބެހެއްޓުމަކީ ގާނޫނާ ހިލާފު ބަންދެއް ކަމަށާއި އެދެބޭފުޅުން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތައްފަހު ހައްޔަރު ކުރި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މިހާރު ހުންނެވީ ޝަރީއަތް ނިމެންދެއް ބަންދުކޮށްފަ އެވެ. ދެ ފަނޑިޔާރުންގެ މައްޗަށް ޕީޖީން ވަނީ ގިނަ ދައުވާތަކެއް އުފުލާފަ އެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ހިމެނެ އެވެ. އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ. އަދި ރިޝްވަތު ހިފުމުގެ ދައުވާވެސް ކޮށްފައި ވެއެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.
އެދެބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒް ފޯރުވުމުގެ ޝަރީއަތްވެސް ވަނީ ފަށާފަ އެވެ. އެ ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ސަސްޕެންޑުވެސް ކޮށްފަ އެވެ.
"ފަނޑިޔާރުން ބަންދުގައި ގެންގުޅެވޭނީ ސުޕްރީމް ކޯޓުގެ އަމުރަކުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ