ހަރުކަށި ފިކުރު އުފެދިގެން އައީ މައުމޫން، އިލްމުވެރިން ޖަލަށް ލުމުން – އިޔާޒް

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި މީސްތަކުންނަށް ދީން އުގެނުނަނުދީ އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން ފުޅާވެފައި އޮތް މިންވަރާއި ބެހޭ ގޮތުން ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވާ މައުލޫމާތުތަކެއް އިއްޔެ ރިޔާސީ ކޮމިޝަނުން ހާމަކުރެއްވުމުން ކުރެއްވި ޓްވީޓެއްގައެވެ.
އިޔާޒް ވިދާޅުވީ މައުމޫން ކަންތައް ކުރެއްވި ގޮތަކީ ރައީސް ޞާލިހް އިބްރަތް ހާސިލް ކުރަން ވެސް ރަނގަޅު ކަންތައްތަކެއް ކަމަށެވެ.
"ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައި ވަނީ މައުމޫންގެ ސަރުކާރުގައި މީސްތަކުންނަށް ދީން އުގެނަނުދީ އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުންނެވެ. (މިއީ) ރައީސް ޞާލިހް އިބްރަތް ހާސިލް ކުރެއްވުން ރަނގަޅު ކަންތައްތަކެއް ކަމުގައި ދެކެމެވެ." އިޔާޒްގެ ޓްވީޓްގައި ވެއެވެ.
އިޔާޒްގެ ވާހަކަފުޅާއި ގުޅިގެން މައުމޫން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
މައުމޫންގެ ވެރިކަމުގައި ބައެއް އިލްމުވެރިން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ޖަލަށްލާ، އިލްމުވެރިންނަށް ޖަލުގައި ބޮޑެތި އަނިޔާތައް ދިން ކަމަށް ބައެއް މީހުން ބުނެއެވެ.
ބައެއް މީހުން ބުނާ ގޮތުގައި މައުމޫންގެ ވެރިކަމުގައި ދީނީ ހަރުކަށި ވިސްނުން މާބޮޑަށް އިތުރުނުވެ، އަވައްޓެރި ބައެއް ގައުމުތަކުން ފެންނަ ފަދަ މަންޒަރުތަކެއް ނުފެނުނީ މައުމޫން ގެންގުޅުއްވި ސިޔާސަތު ރަނގަޅު ވުމުންނާއި، މައުމޫން ގެންގުޅުއްވި ހިފެހެއްޓެވުންތަކުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ