ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިޔާސީ ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައި އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާ ހުސްނުއްސުއޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ.ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 64 މެންބަރުން ވޯޓުންނެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަން ކުރުމާއި ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓަށް ބަހުސް ކުރަމުން، މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ ސުއޫދަކީ އެމަގާމަށް އައްޔަން ކުރުމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި އޭނާ ރައީސެއްގެ މަގާމުގައި ހުންނަވައި މަރުކޮމިޝަނުގެ މަސައްކަތްތަކަށް ވާނުވާ ނޭނގުމުގެ ސަބަބުން އެނގި ހާމަވެގެން ދަނީ ސުއޫދަކީ ޒިންމާދާރުކަން ކުޑަ ބޭފުޅެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އޭނާ ވަނީ ހުސްނުއް ސުއޫދަކީ ސިޔާސީ ބޭފުޅެއްކަން ފާހަގަ ކުރައްވައި، އޭނާއަކީ އެމަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވާފައެވެ. ސުއޫދު ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި އޭނާ އަކީ ޓުވިޓަރގައި އާންމު ފަރާތްތަކަށް ސިޔާސީގޮތުން ރައްދު ދެއްވަމުން ގެންދެވި ބޭފުޅެކެވެ. ހުސްނުއް ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް މ.ގުލްފާމްގެ، އަހްމަދު މުއުތަސިމް އަދުނާން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްްވައިގެންނެވެ. ގާނޫނީ ދާއިރާއިން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މުއުތަސިމް މީގެ ކުރިންވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ކުރައްވާފައެވެ.ޕްރޮސިކުޓަރ ޖެނެރަލް އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެއް ބާނީ ކަމަށްވާ ޝަހިންދާ އިސްމާއީލްގެ ކުރީގެ ފިިރިކަލުން ހުސެއިން ޝަމީމް ޕީޖީގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގެ ބައިވެރިވެ ސިޔާސީގޮތުން ރައީސް ނަޝީދުގެ އަރުހުގައި މަސައްކަތްކުރެއްވި މެމްބަރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ސަރިވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީ ގުޅިގެން ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން އަލްއުސްތާޒު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައެވެ.ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ ދައުލަތުން އުފުލި ދައުވާގެ ހުކުމް ކުރުމަށް ފުރަތަމަ ކްރިމިނަލް ކޯޓުގައި ތާވަކު ކުރި ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ހުކުމް ކުރުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ޖޭއެސްސީއިން އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އެކަހެރިކޮށްފައިވެއެވެ. އަދުލުގެ ނިޒާމް ފުނޑާލާފައިވާ ފަދަ މޭރުމަކުން ވާހަކަ ދެއްކެވުމަށް ފަހު ހައިލަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސުލޫކީ މައްސަލަތަކެއް ފެންމަތިވެފައިވާ ފަނޑިޔާރު އަލީ ރަޝީދު އިސްވެ ހުންނަވައިގެން ރައީސް ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މި މައްސަލަ މިހާރުވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ފަރާތަތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ