ރޭ ގާސިމް ދެއްކެވި ވާހަކަ ރިޕޯޓް ކޮށްފައިވަނީ ނުބައިކޮށް ކަމަށްބުނެ ސީއެންއެމްގެ މައްސަލަ އެމްއެމްސީއަށް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކައާ ގުޅިގެން، "ސީއެންއެމް" ގައި ލިޔެފައިވާ ލިޔުމުގެ މައްސަލަ ބަލައި ދިނުމަށް އެދި ޖޭޕީން މީޑިއާ ކައުންސިލަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ބަލައި ސީއެންއެމް އަށް ފިޔަވަޅު އެޅުމަށް އެދި ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ސޮއި ކުރައްވައި މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އެ ޖަލްސާގައި ގާސިމް އިބްރާހިމް ދެއްކެވި ވާހަކައާ ގުޅިގެން ހަބަރު ގެނަސްދިނުމުގައި އޮންލައިން ނޫސް "ސީއެންއެމް"ގައި އެމަނިކުފާނު ވިދާޅު ނުވާ ވާހަކަތަކެއް ވިދާޅުވިކަމަށް ބުނެ ޝާއިއު ކޮށްފައިވާ ކަމަށެވެ.
އަދި މި ހަބަރު އިސްލާހު ކޮށްދިނުމަށް އެދި ޖޭޕީގެ ފަރާތުން އެ ޕާޓީގެ މީޑިއާ ވައިބާ ގްރޫޕުގައި އެދުނު ނަމަވެސް މިކަން އިސްލާހުކޮށްފައި ނުވާކަމަށްބުނެ މީޑިއާ ކައުންސިލުން އެ މައްސަލަ ބަލައި އެޅެން ހުރި ފިޔަވަޅެއް އަޅައި ދިނުމަށް ވަނީ އެދިފައެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ދެއްކެވި ވާހަކައާ ގުޅިގެން ސީއެންއެންގައި ލިޔުނު ލިމުގައި ބުނެފައިވަނީ "ވަޒީފާ އިން ބޭރުކުރަން ވީމަ ސިވިލް ސާވަންޓުން ވެސް ބޭރުކުރާނަން،" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަހުމް ކުޑަ އިންޒާރެއް ސިވިލް ސާވަންޓުންނަށް ދީފި ކަމަށެވެ.
ސީއެންއެމްއިން މިހެން ރިޕޯޓް ކޮށްފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން ފަރުވާކުޑަ ވެގެން އެ މުވައްޒަފުންނާ ބައްދަލުކޮށް ގާސިމްގެ އަނބި ކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ދެއްކެވި ވާހަކަ ދިފާއު ކުރައްވައި ގާސިމް ވަނީ ރޭ ވާހަކަ ދައްކަވައިފައެވެ.
އެ މުވައްޒަފުންނާ ނަހުލާ ވާހަކަ ދައްކަވަނިކޮށް ލީކުކޮށްލައި ސޯޝަލް މީޑިއާއަށްލާފައިވާ އޯޑިއޯގައި ފަރުވާކުޑަކޮށް މަސައްކަތްކުރާ މުވައްޒަފުން އެ މިނިސްޓްރީގައި އުޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ.
ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެ ވީޑިއޯ އާއްމު ކޮށްފައިވަނީ ނަހުލާ ބަދުނާމު ކުރުމަށް ކަމަށެވެ. ނަމަވެސް ނަހުލާ ބަދުނާމު ކުރުމަށް އޯޑިއޯ އާންމު ކުރި މީހުން، އަތަށް ގޮވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ