ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގެ މައްސަލަ އަނެއްކާ ވެސް ފަސް ކޮށްފި
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަނު ކުރުމުގެ މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެ ވޯޓު ނުނެގި އަނެއްކާ ވެސް މާދަމާއަށް ފަސް ކޮށްފި އެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހަށެވެ. ނަމަވެސް އެ ދުވަހު ވޯޓަށް އަހާފައި ނުވަނީ ކޮމެޓީ ރިޕޯޓްގައި 'ކޮމެޓީއަށް ފެންނަ ގޮތެއް ރިޕޯޓްގައި ނެތިމުން' ކަމަށް ބުނެ ރިޔާސަތުން އެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލި ކަން އިއުލާން ކުރުމަށް ފަހު އެވެ. އަދި އޭގެ ފަހުން އެ ނިންމުން ބަދަލު ކޮށްފައި ވަނީ، ކޮމެޓީން ވަކި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ބައެއް މެންބަރުންނާއި ކައުންސިލަރު ޖެނަރަލް ލަފާ ދެއްވުމުންނެވެ. ރިޔާސަތުން އަނބުރާ ފޮނުވާލުމަށް ފަހު އަލުން ވޯޓެއް އެހޭނީ ތިން ދުވަސް ފަހުން ކަމަށް ވުމުން މިއަދުގެ ޖަލްސާއަށް އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމުގެ މައްސަލަ އެޖެންޑާ ކުރި އެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ވެސް އެ ވޯޓް ނެގިފައެއް ނުވެ އެވެ. ސަބަބެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ވޯޓު ނެގުމަށް އޭނާ ވެސް ބޭނުންފުޅުވެލައްވާ ކަމަށާއި އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން 'ބުރު އޮޅުވާލައިގެން' ކަން ކަން ކުރިއަށް ގެންދެވެން ނޯންނަ ކަމަށެވެ. "މިހާރު މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އަޅުގަނޑަކަށް ނޯވޭ މި ތަރުތީބު ދޫކޮށްލާފައި ދެން ހުރި ރިޕީޓަށް ދެވޭކަށް. އެހެންވީމަ އިރާދަކުރެއްވިއްޔާ ދެން މަޖިލިސް އޮން ދުވަހެއްގައި މި ސުޕްރީމް ކޯޓުގެ ވޯޓަށް ދެވޭނީ،" ނަޝީދު މިއަދު ވިދާޅުވި އެވެ. ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީ އިން ރައީސްއަށް "ހައިލީ ރިކޮމެޑް" ކޮށްފައި ވަނީ ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ ޖޭއެސްސީ އިން އިންޓަވިއު ކުރި ބޭފުޅުންގެ ނަންތަކަށް ވެސް މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލައްވައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އެ މަޖިލީހުން ރުހުން ހޯދުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ