ސުޕްރީމް ކޯޓުން އަދީބަށް ފުރުސަތު ދިނުމަށް އެމްޑީޕީން ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގާ 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ސަރުކާރުން ރާވައިގެންކަމުގައި އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެކަން ކުރި ގޮތާއި އެކަމުގެ ހެކިތައް އެދުވަސްވަރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އަދީބަށް އެނގިވަޑާއިގަންނަވާ ކަމުގައި ބަޔާންކޮށް އޭނާ ސުޕްރީމް ކޯޓަށް ސިޓީ ފޮނުއްވާފައިވާތީވެ، އެ ހެކިތަކަކީ ކޮަބައިކަން ދެނެގަތުމަށް ސުޕްރީމް ކޯޓުން އަދީބަށް ފުރުސަތު ދިނުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތް ހިންގާފައިވަނީ މުޅި އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކަމަށާއި އެކަން ސާބިތުވާނޭ ހެކިތައް އަދީބު އަތުގައި ހުރިކަމުގައި ވިދާޅުވެފައިވާއިރު މިފަދަ ބޮޑު ޖަރީމާއެއް ހިންގައި ރާއްޖޭގެ ރައީސްކަންކުރައްވާފައިވާ އަދި ދިވެހިރާޢްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ނުހައްގުން އެންމެ ހިނދުކޮޅަކުވެސް ޖަލުގައި ބަންދުކޮށްފައި ހުރުމަކީ އެމަނިކުފާނަށާއި އެމްޑީޕީއަށް ދެވޭ ބޮޑު އަނިޔާއެެއްކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތަކީ މުޅި ދުނިޔޭގެ ނަޒަރު އެކަމަށް ހުއްޓި، އެކަމާ ގުޅިގެން އދ ގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޭންޝަނާއި އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނާއި، އިންޓަނޭޝަނަލް ކޮމިޝަން ފޯ ޖޫރިސްޓްސްއި، އެމެރިކާ ސަރުކާރާއި، އިނގިރޭސި ވިލާތާއި، ޔޫރަޕިއަން ޔޫނިއަން އާއި، ޔޫރަޕިއަން ޕާލިމަންޓުގެ ފާޑުކިޔުން ރާއްޖެއަށް އަމާޒުވެފައިވާ ޝަރީއަތެއްކަން އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތާ ގުޅިގެން ރާއްޖެއަށް އަމާޒުވި ފާޑުކިޔުންތަކަށް ބީރު ކަންފަތެއްދީ، ރާއްޖެއާ ގުޅުން ބަދަހި އެތައް ގައުމުތަކާ އޮތް ރަޙްމަތްތެރިކަމަށް ބުރޫ އަރާ މިއަދު ދިވެހިރާއްޖެ ވަނީ ބައިނަލްއަގްވާމީ މުޖުތަަމައުގައި އެކަނިވެރިވެ، ޚުދުމުހުތާރު ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައިކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި ރާއްޖޭގެ ކަންކަން އިންތިހާއަށް ގޯސްވެ، ރައްޔިތުންގެ އެތައް ހައްގުތަކަަށް އަރައިގަންނަމުންދާއިރު، ސިޔާސީ ލީޑަރުންނާއި، ބޭއިންސާފުން ޝަރީއަތްކޮށް ޖަލަށްލާފައިވާ ހުރިހާ މީހުން މިނިވަންކުރުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ. މީގެ އިތުރަށް މިއަދު އެނގި ހާމަވަމުންދާ ހަގީގަތަކީ ސިޔާސީ ބޭނުމަށް އެތައް ބަޔަކު ޖަލަށްލުން އާންމުވެ، މުޅި ޝަރުއީ ނިޒާމްވެސް ހައިޖެކް ކުރުމަށް ވަކި މީހަކު މަސައްކަތް ކުރަމުންދާކަންކަމަށް އެމްޑީޕީން ބުނެއެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާއާ ގުޅިގެން އިއްވާފައިވާ ހުކުމް ލިޔުއްވާފައިވަނީ ފަނޑިޔާރަކު ނޫން ކަމަށާއި އެ ހުކުމް ލިޔުއްވި ފަރާތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެ އަދީބު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ޖަލުގައި ހުންނެވި އަދީބްގެ ރައްކާތެރިކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާ އަދީބު ހާމަކުރައްވާފައިވާ މައުލޫމާތުތަކުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން އަދީބަށް ގެއްލުމެއް ދީފާނެ ހުރިހާ ސަބަބެއްވާ ކަމަަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ