އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ލިބިގަތުމަށް ރާއްޖެއިން ބޭރަށް އަވަހަށް ފުރުވާލެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުން އެދި ޖުމްހޫރީ ޕާޓީން ކަމާބެހޭ ފަރާތްތަކާއި ބައްދަލްކޮށްފިއެވެ.
ވީނިއުސްއަށް މިރޭ މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ ގާސިިމް އިބްރާހިމްގެ ގައިރު ހާޒިރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް ގާސިމް ބެއްލެވި ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ގާސިމް އިބްރާހީމްގެ ފަރާތުން ހުށަހަޅަފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، މިމައްސަލާގައި ގާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒު ކުރަމުންދިޔަ ނަމަވެސް، އަދި އެމަނިކުފާނުގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒު ކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ލިބުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އެފަރުވާތައް ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައިވާކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނީ ޑޮކްޓަރުގެ ލިޔުންތަކާއި، ކޯޓްގެ އަމުރު ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް، ގާސިމް އިބްރާހިމް ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ފުރޭނެ ގޮތް ހައްދަވައިދެއްވުމަށް އާއިލާއާއި، ޖުމްހޫރީ ޕާޓީން އެ ފަރާތްތަކުގެ ކިބައިން އެދިފައިވާނެކަމަށެވެ. އެގޮތުން ކަރެކްޝަނަލް ސާރވިސްގެ އިސް ބޭފުޅުންނާއި، ހޯމް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލްކޮށް އެ މައުލޫމާތު ޖުމްހޫރީ ޕާޓީން ވަނީ ހިއްސާކޮށްފައެވެ.
އަދި އަވަސް ފަރުވާ ނުދެވިއްޖެނަމަ ގާސިމްގެ ފުރާނަފުޅަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ވިދާޅުވަމުން ގެންދަވާތީ ގާސިމް އިބްރާހިމަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ފުރުވާލުން ފަސްވަމުންދާތީ އެކަމާއި ކަންބޮޑުވުންވެސް ފާޅުކޮށްފައިވާނެކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިކަންކަމަށް ރިޔާއަތްކުރުމަށްފަހު ވީހާވެސް އަވަހަށް ގާސިމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންްދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ގާސިމްގެ ގައިރު ހާޒިރުގައި ދަންވަރު ކްރިމިނަލް ކޯޓް ހުޅުވައިގެން އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ކުރުމާއެކު ކަރެކްޝަނަލް ސާރވިސްއިން މިއަދު ވަނީ ހޮސްޕިޓަލަށް ގޮސް ކަރެކްޝަނުން ވަނީ ގާސިމް އިބްރާހިމާއި ހަވާލުވެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފޮނުވާ އެކަށީގެންވާ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އަމުރުކޮށްފައިވާއިރު، ކަރެކްޝަނުން ހުކުމުގެ އެއްބައި ތަންފީޒުކުރަމުން ގެންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރަށް ގާސިމް ރާއްޖެއިން ބޭރަށް ގެންދެވެން އޮތީ ހިތުގެ ޚާއްސަ ދެ ޑޮކްޓަރެއްގެ ލިޔުމެއް ލިބިގެން ކަމަށް ބުނެ ކަރެކްޝަނުން ބަހަނާ ދައްކަމުންދާތީވެސް ގިނަ ބަޔަކު ދަނީ އެ މުއައްސަސާއަށް ފާޑުކިޔަމުންނެވެ. އައިޖީއެމް ހޮސްޕިޓަލުގައި ހުންނަނީ ހިތުގެ އެންމެ ޑޮކްޓަރެއް ކަމަށްވީިއިރު، އިތުރު ޑޮކްޓަރެއްގެ ލިޔުމެއް ހޯދަން ކަރެކްޝަނުން މަސައްކަތް ކުރަމުންދަނީ ކޯޓް ހުކުމާއިވެސް ޚިލާފަށްކަންވެސް ފާހަގަކޮށްލެވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުން ލަސްކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ކޯޓުން ރޭ ވަނީ އަމުރުވެސްކޮށްފައެވެ.
ގާސިމް ބޭސްފަރުވާއަށް ފުރުވާލުން އަވަސްކުރުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ