ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަކަށް މައްސަލަ ޖެހިފައިވާތީ އެމައްސަލަ ހައްލުވަންދެން އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލަމުންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި ބޭނުންކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން މިއަދު މެންދުރު އެއް މެގަވޮޓުގެ ޖަނަރޭޓަރަކަށް މައްސަލަ ޖެހިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މައްސަލަ ހައްލުކުރެވެން ދެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ފެނަކަ އިން ބުނީ މައްސަލަ ޖެހުނު ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު ކުރަމުން ގެންދާ ކަމަށެވެ.
ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކުރެވޭނީ މިރޭ 9:00 ނުވަތަ 10:00 ޖަހާއެހާއިރު ކަމަށްވެސް ފެނަކައިން ބުނެ އެވެ.
މައްސަލަ ހައްލުކުރެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރުމަށާއި ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު ވެސް މަދުކުރުމަށް ފެނަކައިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މާލެއާއި އަތޮޅު ތަކުގައި ދެމުންގެންދާ ކަރަންޓްގެ ހިދުމަތް މެދުކެނޑެމުންދާތީ އާންމު ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ