ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 30 އާއި 50 އާ ދެމެދު، އެއީ ދަށް އަދަދެއް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ހުންނާނީ 30 އާއި 50 އާ ދެމެދު އަދަދެއްގައި ކަމަށް ލަފާކުރެވޭ ކަމަށާއި، އެ އަދަދަކީ ދަށް އަދަދެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ހުކުރު ދުވަހުގެރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދުތަކާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު އެއީ ދަށް އަދަދެއް ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެ އަދަދަކީ ރާއްޖޭގެ ބޭސްލައިން ކަމަށެވެ. އިތުރު ތަފްސީލު ދެއްވަމުން ވިދާޅުވީ، ގައުމުތަކުގައި އެންޑެމިކް ބަލީގެ ގޮތުގައި ކަނޑައެޅިފައިވާ ބަލިތަކުގައި ބޭސްލައިނެއް ހުންނާނެ ކަމަށެވެ.
ފެންނަ ކޭސްތައް ވަކި ލެވެލްގައި ހުންނަ ކަމަށްވާނަމަ އެ ބެލެވިދާނެ އެ ގައުމުގެ ބޭސްލައިން އަކީ. މާލޭގެ އާބާދީ އަށް ބަލާއިރުވެސް 30 އާއި 50 އާ ދެމެދު ކޭސްތައް ފެނުމަކީ އާއްމުކޮށް މި ފަދަ ބަލިތަކަށް ބަލާއިރު ހައިލެވެލް އެއް ނޫން.
~ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
މިހާރު ރިޕޯޓް ކުރެވެމުންދާ ކޭސްތަކުގެ ތަފްސީލު ހާމަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ، މި ފަހަކަށް އައިސް ފްރޮންޓްލައިން ގައި މަސައްކަތް ކުރާ ފަރާތްތައް ޕޮޒިޓިވްވާ އަދަދު ތިރިވާން ފަށަފައިވާ ކަމަށެވެ. އަދި އަލަށް ފެންނަ ކޭސްތަކުގެ ކްލަސްޓަރތައް ވެސް ދަށްވެފައިވާކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެނިފައިވަނީ 65 އިންސައްތަ މީހުންގެ ފަރާތުންނެވެ. އެންމެ ފަހުން ހާމަކުރި އަދަދުތަކަށް ބަލާއިރު، އެއީ ޖުމްލަ 837 މީހުންނެވެ. މިހާރު ޓެސްޓު ކުރާއިރު އިސްކަން ދެނީ ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކެވެ. އޭގެ ސަބަބުން ވެސް ނުފެންނަ ކޭސްތައް ގިނަވެދާނެ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ