ކާށި ހޮވަން ފަޅު ރަށަކަށް ދިޔަ ބަޔަކު މޫސުން ގޯސްވުމުން ހާލުގައި ޖެހިއްޖެ

ކާށި ހޮވަން ހދ. ކުމުންދުއިން އެ އަތޮޅު މައިވައިދުއަށް ދިޔަ ބަޔަކު މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުން ނުފުރި ހާލުގައި ޖެހިއްޖެ އެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ ކުމުންދުއިން މައިވައިދުއަށް ދިޔަ ބަޔަކަށް އެ ރަށުން ނުފުރިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ނޮދަން އޭރިއާގެ އެހީތެރިކަމަށް މިއަދު ހަވީރު 17:45 އެހައިކަންހާއިރު އެދިފައިވާ ކަމަށެވެ. އެ މީހުންނަށް ނުފުރިގެން އުޅުނީ މޫސުން ގޯސްވެ، ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި އެކަމާ ގުޅިގެން ކޯސްޓްގާޑުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ބުންޏެވެ. އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި ހާލުގައި ޖެހުނީ ކާށި ހޮވަން ދިޔަ 10 މީހެއް ކަމަށެވެ. އެ 10 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި ތިން އަންހެނުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މައިވައިދޫ އަކީ ކުމުންދޫ ކައިރީގައި އޮންނަ ފަޅު ރަށެކެވެ. އެއީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގައި އުޅުނު މީހުން ބަދަލު ކުރީ ނޮޅިވަރަމްފަަރަށެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ހަމައަށް މިއަދު ހަވީރު 17:30ގައި ވަނީ ޔެލޯ އެލާޓު ނެރެފައެވެ. މެޓް އޮފީހުން ލަފާ ކުރަނީ އެ ސަރަހައްދުތަކަށް ކަނޑު ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ