އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ސަރުކާރުން ބަޖެޓު އެކުލަވާލުމުގައި މަޝްވަރާކޮށްފައި ނުވާ ކަމަށް ބަޖެޓު ކޮމިޓީގެ މުގައްރިރު އަދި ކޯލިޝަންގެ އެންމެ އިސް އެއް ޕާޓީކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓާއި ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ބަޖެޓް ކަންކަމުގައި ސަރުކާރުން މަޝްވަރާނުކުރާކަމުގެ ހެއްކަކީ ބަޖެޓަށް އިސްލާހު ހުށަހެޅުން ކަމަށާއި ބަޖެޓްގެ މައްސަލާގައި ސަރުކާރާ މަޝްވަރާކުރި ނަމަ މިއަދު ބަޖެޓަށް ހުށައެޅުއްވި އިސްލާހުތައް ހުށަނޭޅުއްވީސް ކަމަށެވެ.
ގާސިމް ވަނީ ބަޖެޓަށް 14 އިސްލާހެއް ހުށައަޅުއްވާފަ އެވެ.
އެމަނިކުފާނު އިސްލާހު ހުށަހަޅުއްވާފައިވަނީ ހަމައެކަނި މިނިވަން މުއައްސަސާތަކަށް ފައިސާ އިތުރު ކުރުމަށެވެ.
އަދި މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިތުރުން ދެން ފައިސާ ހިމަނުއްވާފައިވާނީ މަޖިލީހުގެ އާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް 40 މިލިޔަން ރުފިޔާ ކަމަށެވެ.
މިނިވަން މުއައްސަސާތަކަށާއި މަޖިލީހުގެ ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ހުށަހެޅުއްވީ، އެ މުއައްސަސާތައް ކުރިއަރައިގެން ނޫނީ ގައުމު ކުރިއަށް ނުދެވޭނެތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަޖެޓަށް އިސްލާހު ހުށަހަޅަން ޖެހުނީ ބަޖެޓު ހެދުމުގައި މަޝްވަރާ ކުރައްވާފައި ނުވާތީ ކަމަށް ގާސިމް މިއަދު ވިދާޅުވި އިރު، ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ ރަނގަޅު ބަޖެޓް ހަދަން އެނގޭނީ ސަރުކާރަށް ކަމަށް ރައީސް ޔާމީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އަދި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ފާސްކޮށްދިނުމަށް މަޖިލީހުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް ރައީސްލްޖުމްހޫރިއްޔާ އިއްޔެ ވަނީ ގޮވާލައްވާފަ އެވެ.
އަދި މީގެއިތުރުން ބަޖެޓުގެ އެކި ކަންކަމަށާއި އެކި މަޝްރޫއުތަކަށް ފައިސާގެ އަދަދު ހިމަނާނެ ވަރު ވަކިވަކިން ކޯލިޝަން ތެރޭގައި ނިންމަން ވެއްޖެނަމަ ސަރުކާރަށް އެއް އަމާޒަކަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި ބަޖެޓަށް ވޯޓަށް އެހެން އޮންނާނީ މިއަދު ނޫނީ އަންނަ އާދިއްތަ ދުވަހު އެވެ.
ކޯލިޝަންގައި ހިމެނުނު ނަމަވެސް ސަރުކާރުން ބަޖެޓު މަޝްވަރާއެއް ނުކުރޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ