ރިޔާސީ އިންތިހާބު ނަޒާހާތްތެރި އިންތިހާބަކަށް ހެދުމަށް ސުޕްރީމް ކޯޓުން އަންގައިފި

އަންނަ ހޮނިހިރު ބާއްވާ ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އަދި ނަޒާހާތްތެރި އިންތިޚާބަކަށް ހެދުމަށް ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ކޮށްފައި ވަނީ ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.
ޒަނީންގެ ދައުވާގައި އެދިފައިވަނީ އިލެކްޝަންސްގެ އައިޓީ ނިޒާމު މިނިވަން އައިޓީ އޮޑިޓަރެއް ލައްވާ ބަލައި ދިނުމުގެ އަމުރަކަށާއި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓް ލާން ރަޖިސްޓްރީކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ އެންމެ އިންސާފުވެރި ގޮތެއްގައި ކަން ޔަގީން ކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމް ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ވޯޓުލާ މީހުންގެ ލިސްޓުގައި މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހިމަނާފައިވާ ކަމަށެވެ. އަދި އެ ލިސްޓުގައި ހުރި މީހުންގެ ނަމާއި އެޑްރެސް ދިމާނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދި ވޯޓުލާ މީހުންގެ ރަޖިސްޓްރީގެ އަސްލާ އެއްގޮތް ކޮޕީއެއް ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ފޯރުކޮށްދިނުމަށާއި އެ ލިސްޓުތަކުގައި މަންދޫބުން ސޮއިކުރުމުން ދާއިރާތަކުގައި ބެހެއްޓުމަށާއި އެނޫން އެހެން ލިސްޓެއްގެ މައްޗަށް އަމަލު ނުކުރާނެކަން ޔަގީން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސެމުގެ އަމުރަކަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން 2012 އަހަރާ ހަމައަށް މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ފުރިހަމަ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސްގައި ހިމެނިފައި ނުވާ ކަމަށެވެ.
ވޯޓުލާ ކޮންމެ މީހަކީ 18 އަހަރު ފުރިފައިވާ މީހެއްކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އިންތިޚާބަށް ނުފޫޒު ފޯރުވިޔަ ނުދިނުން ކަށަވަރު ކުރުމަކީ ގާނޫނު އަސާސީގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން އެކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ވެސް ސުޕްރީމް ކޯޓުން ނެރެފައެއް ނުވެއެވެ.
މިއަދު އެ ހުކުމްކޮށްފައި ވަނީ ފަނޑިޔާރު، އަބްދުﷲ ސައީދާއި އާދަމް މުހައްމަދާއި އަލީ ހަމީދާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަބްދުﷲ އަރީފުގެ ރައުޔުއަށެވެ. ރައުޔު ތަފާތުވި ދެ ބޭފުޅުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ