ގުރައިދޫ ދާއިރާގެ މެންބަރ ރިޒާ ޑީއާރުޕީން ވަކިވާން ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ، ޑީއާރްޕީން ވަކިވެވަޑައިގަތުމަށް އެދި، ޑީއާރުޕީއަށް ސިޓީ ހުށަހަޅުއްވައިފި އެވެ.
ރިޒާ ވިދާޅުވީ އޭނާ ޑީއާރުޕީން ވަކިވެ ވަޑައިގަތުމަށް އިއްޔެ ޑީއާރުޕީއަށް ސިޓީ ފޮނުއްވާފައިވާނެ ކަމަށާއި، އޭނާ ޑީއާރުޕީން ވަކިވެވަޑައިގަތީ އެހެން އެއްވެސް ޕާޓީއަކާއި ގުޅިވަޑައިގަތުމަށް ބޭނުންފުޅު ވެގެން ނޫންކަމަށެވެ.
މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތް ނަމަވެސް، ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރިޒާ ވިދާޅުވީ މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ކުރިމަތިލެއްވީ، އޭނާ އަށް ޕާޓީގެ ޓިކެޓް ލިބިވަޑައިނުގަތުމުން ކަމަށެވެ.
އަދި އޭރުވެސް އޭނާ ހުންނެވީ ގުރައްދޫ ޑީއާރުޕީގެ ގޮފީގެ ރައީސްގެ މަގާމުގައި ކަމަށާއި ޕާޓީން ވަކިވާން އެދިވަޑައިގަތީ، ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި ހުންނަވަން ބޭނުންފުޅުނުވާތީ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.
ރިޒާއަކީ މަޖިލީހުގައި ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ވޯޓްދެއްވަމުން ގެންދެވި މެންބަރެކެވެ. އަދި ރިޒާ އަކީ މިހާރު ރައީސް ޑރ. ވަހީދުގެ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރެކެވެ.
ރިޒާ ޑީއާރުޕީން ވަކިވެވަޑައިގަތުމުން ޑީއާރުޕީގެ މަޖިލިސް މެންބަރުންގެ އަދަދު 14 އަށް ތިރިވެގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ