އިންތިޚާބީ މެމްބަރު ރާޝިދު މާދަމާ ހުވާކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިޙާބީ މެމްބަރު، މުހައްމަދު ރާޝިދު މާދަމާ ހުވާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު "ވީނިއުސް"އަށް ވިދާޅުވީ، މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރީން އިންތިޚާބީ މެމްބަރު މުހައްމަދު ރާޝިދުގެ ހުވާކުރެއްވުން އޮންނާނެ ކަމަށާއި، ހުވާކުރެއްވުމަށް ފަހު ރާޝިދު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މުހައްމަދު ރާޝިދު ވާދަކުރެއްވީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުންނެވެ. އަދި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީންވެސް ވަނީ ރާޝިދަށް ތާއީދުކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެގޮނޑި ތަމްސީލްކުރެއްވި މެމްބަރު ހުސެއިން ވަހީދު ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.
ރާޝިދު ވަނީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސްކަން ތިން ދައުރު އަދާކުރައްވާފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ އިތުރުން، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ. ރާޝިދު މި އިންތިޚާބު ކާމިޔާބުކުރެއްވީ ޖުމްލަ 1،401 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް 1،161 މީހުންގެ ވޯޓު ލިބިވަޑައިގަތް އިރު، އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫގެ އިތުރަށް، އެ އަތޮޅު ކޮމަންޑޫއާއި މަރޮށީގެ އިޖުތިމާއީ ދާއިރާ އާއި، ތަރައްގީގެ ގިނަ ކަންކަމަށް ރާޝިދު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ