އިންޑިއާއަށް ނޭނގޭ ގޮތަށް އެއްވެސް މީހަކަށް އެކައުންޓުގައި ފައިސާ ނުގެންގުޅެވޭނެ: ޔާމީން

އިންޑިއާއަށް މިހާރު ނޭނގޭ ގޮތަށް އެއްވެސް މީހަކަށް އެކައުންޓުގައި ފައިސާ ނުގެންގުޅެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމް އިން ރޭ ކުރިއަށް ގެންދިޔަ "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅު ދައްކަމުންނެވެ.
މިގޮތުން ޔާމިން ވިދާޅުވީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ އެއްބަސްވުން ބަލާލަން ލިބޭނީ އިންޑިއާ އިން ހުއްދަ ދިނުމުން ކަމަށް ފާހަގަކުރައްވައި، ޔާމީން ވިދާޅުވީ، އިންޑިއާ އަށް ނޭނގޭ ގޮތަށް އެއްވެސް މީހަކަށް ރާއްޖޭގެ ބޭންކެއްގެ އެކައުންޓެއްގަައި ފައިސާ ނުގެންގުޅެވޭނެ ކަމަށާއި މިހެން ކަންތައްތައް ވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ މަނީ ލޯންޑަރިންނާ ގުޅިގެން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ރަނގަޅު ތަހުގީގެއް ކޮށްފިނަމަ މި ސަރުކާރުގައި މަނީލޯންޑާ ނުކުރާ މީހަކު ނުހުންނާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގާނޫނު ހެދިފައި ހުރި ގޮތުން ތިމާގެ އެކައުންޓަށް ތިމާއަށް ނޭނގި ފައިސާ ވަދެފި ނަމަ އެ މީހަކު ކުށްވެރިވެގެން ކޮންމެ ދުވަހު ދެ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ގާނޫނު ހެދިފައި ހުރުމުން އެ ގާނޫނު ބޭނުންހާ ގޮތަކަށް ބޭނުންކުރަން ޖާގަ ދެވިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ