އަންމަޓީގެ ހައްޤަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ ހައްޤަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރުމަށް ސުޕުރީމް ކޯޓުން އަމުރުކޮށްފިއެވެ. ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނާގޮތުން ޖިނާއީ ކުށެއް ކުރިކަމަށް ދައުވާ ކުރެވިފައިވާ ކޮންމެ މީހަކަށް ވެސް ދައުވާ ސާބިތުވުމާހަމައަށް ކުށެއް ނުކުރާ މީހެއް ކަމަށް ބެލުމުގެ ހައްޤު ލިބިގެންވާ މީހެއް ކަމަށެވެ. އެގޮތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ވެސް ސާބިތުވެފައިވާ ދައުވާއަކަށް ނުވުމުން އޭނާގެ ހައްޤަށް އުނިކަން ލިބޭކަން ކަންކަން ނުކުރުމަށް އެ އަމުރުގައި ބުނެފައިވެއެވެ. ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައިމިވަނީ މިއަދު އައްމަޓީގެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ޝަރުތުތަކަކާއެކު އަންމަޓީ ބަންދުން ދޫކޮށްލި މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް އަދި ޕީޖީގެ ވަކީލުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާތީ އެކަން ހުއްޓުވުމަށް އޭނާގެ ފަރާތުން އެދިފައިވަނިކޮށްށެވެ. ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ދައުވާ އުފުލާފައިވާ އައްމަޓީ ހައްޔަރުކުރި ފަހުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ތިން ފަހަރަށް އަމަރުކޮށްފައެވެ. އެންމެ ފަހުން ދޫކޮށްލުމަށް ނިންމީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް, މައްސަލަ ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ. ހައި ކޯޓުން އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލާފައިވަނީ, އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ. ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ. އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ