ސްރީލަންކާއިން މިއަދުން ފެށިގެން ކޮންމެ ދުވަހަކު 13 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

މިއަދުން ފެށިގެން ސްރީލަންކާއިން ކޮންމެ ދުވަހަކު 13 ގަޑިއިރަށް ކަރަންޓް ކަނޑާލާނެ ކަމަށް ސްރީލަންކާ ސަރުކާރުން އިއުލާން ކޮށްފިއެވެ.
ސްރީލަންކާ ސަރުކާރުގެ ކަރަންޓުގެ ޚިދުމަތުގެ ކަންކަން ބަލަހައްޓާ އިދާރާ، ޕަބްލިކް ޔޫޓިލިޓީސް ކޮމިޝަން އޮފް ސްރީލަންކާއިން މިދިޔަ ބުދަދުވަހު ނިންމާފައިވަނީ ދުވާލެއްގެ މައްޗަށް 10 ގަޑިއިރު ކަރަންޓު ކަނޑާލުމަށެވެ. އެއީ، އޭގެކުރިން 6 ގަޑިއިރު ކަރަންޓު ކަނޑަމުން ދިއުމަށްފަހު ގައެވެ.
އެހެން ނަމަވެސް، މިއަދުން ފެށިގެން ވަނީ 13 ގަޑިއިރަށް މުއްދަތު އިތުރުކޮށްފައެވެ.
ދިމާވި މާލީ ދަތިތަކާހެދި ސްރީލަންކާ މިހާރުވަނީ އިގްތިސާދީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފައެވެ. މާލީ ދަތިތަކާ ސްރީލަންކާ ކުރިމަތިލާން ޖެހުނީ ބޭރު ފައިސާ ލިބުން ދަތިވެގެންނެވެ.
ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް މިހާރު ވަނީ 70 އިންސައްތަ ދަށަށް ވެއްޓިފައެވެ. މިކަމާހެދި، ސްރީލަންކާއަށް އެންމެ އަސާސީ ތަކެތި އިމްޕޯޓް ކުރެވޭގޮތްވަނީ ނުވެފައެވެ.
އެގައުމުން ކަރަންޓު ކަނޑާލަމުން ގެންދަނީ އިންޖީނުގެތައް ހިންގަން ބޭނުންވާ ތެޔޮ ލިބޭނޭގޮތެއް ނެތިގެންނެވެ.
ސްރީލަންކާގައި ބޭނުންކުރާ ކަރަންޓުގެ ޚިދުމަތުގެ ތެރެއިން ސާޅީހަށްވުރެ ބޮޑު އިންސައްތައެއް ބޭނުންކުރަނީ ހައިޑްރޯޕަވަރގެ ޒަރީއާއިން ލިބޭ ކަރަންޓެވެ. އެހެން ނަމަވެސް، މިދުވަސްވަރު ސްރީލަންކާއަށް ވާރޭ ނުވެހޭތީ އެމަގުވެސް ބަންދުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މިކަމާ ގުޅިގެން، ސްރީލަންކާގެ ހޮސްޕިޓަލްތަކުން މިހާރުވަނީ ރޫޓިންކޮށް ކުރާ އޮޕަރޭޝަންތައްވެސް ހުއްޓާލާފައެވެ.
ކަރަންޓު ލިބޭނޭގޮތް ނުވެ، ލައިފް-ސޭވިންގ މެޝިންތައް ބޭނުންކުރެވޭގޮތް ނުވެގެންނާއި، ކޮންމެހެން ބޭނުންވާ ބޭސްތައް ލިބޭގޮތް ނުވެގެން ސްރީލަންކާގެ 2 ހޮސްޕިޓަލަކުންވަނީ ރޫޓިންގ އޮޕަރޭޝަންތައް ހުއްޓާލިކަން އިއުލާން ކޮށްފައެވެ.
ކޮޅުނބުގައި ހުންނަ އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ ނޭޝަނަލް ހޮސްޕިޓަލް އޮފް ސްރީލަންކާއިންވެސްވަނީ، އާންމުކޮށް ހަދާ ޓެސްޓްތައް މެދުކަނޑާލާފައެވެ.
އޮފީސްތަކުގެ ކަރަންޓު ޚަރަދު ކުޑަކުރުމުގެ ގޮތުން ސްރީލަންކާގެ ޕަބްލިކް ޔޫޓިލިޓީސް ކޮމިޝަނުންވަނީ، މިލިއަނަށްވުރެ ގިނަ ސަރުކާރު މުވައްޒަފުން ކުރިއަށްއޮތް ދެދުވަހު ގޭގައި ތިބެގެން މަސައްކަތްކުރަން އަންގާފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވެހިކަލްތަކަށް އަޅާނެ ޑީސަލް ނުލިބިގެން ސްރީލަންކާގެ އެކި ހިސާބުތަކުގައި އާންމުން ގެންދަނީ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ. ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަމަށް ވެއެވެ.
ސްރީލަންކާއަށް ދިމާވެފައިވާ މާލީ މައްސަލަގަނޑުން އަރައިގަތުމަށް ސަރުކާރުން ގެންދަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީ ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. އަދި އިންޑިއާ އަދި ޗައިނާއިން އިތުރު ލޯނުތައް ނެގުމަށްވެސް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ