މައުމޫނު ސަރުކާރަށް ކުރާ ތާއީދު ނަގަން ނުކެރުމާމެދު ޝަހީދު ސުވާލުއުފައްދައިފި

މި ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ނަންގަވަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްޤައްޔޫމަށް ކެރިވަޑައިނުގަންނަވައިގެން އުޅުއްވާ ސަބަބާމެދު ޕްރޮގްރެސިވް ޕާޓީ އޮފް މޯޅްޑިވްސްގެ ޤާނޫނީ ވަކީލު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކައުންސިލް މެމްބަރު އަލްއުސްތާޛު މުހައްމަދު ޝަހީދު ސުވާލު އުފައްދަަވައިފިއެވެ.އޮނަވިހި ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު މި ޤައުމަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސް ލީޑަރު ހ.ހާޖަރޭގޭ އަބްދުﷲ ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހިމާޔަތާ ރައްކާތެރިކަން ދީގެން މިސަރުކާރުން ގެންގުޅެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ޗެނެލް 13 އިން ކުރިއަށް ގެންދާ އައްޑަނަ ލައިވް ކަވަރޭޖްގައި ޝަހީދުވަނީ ރައީސް މައުމޫނު، ކޮއްކޯފުޅު ޔާމީންގެ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ނެންގެވީ ރައީސް ޔާމީންއަކީ އަނިޔާވެރި ވެރިއެއް ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ސަރުކާރުގައި އިންސާފެއް ނެތް ކަމަށް ވިދާޅުވެ ކަމަށްވީއިރު މިއަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމުގެ ސަބަބުން މި ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ނުނަންގަވައިގެން އުޅުއްވަނީ ކޮން މަޖުބޫރެއް އޮވެގެން ތޯ ރައީސް މައުމޫނަށް އަމާޒުކުރައްވާ ސުވާލުކުރައްވާފައެވެ.އަދި ޝަހީދު އިތުރަށް ވިދާޅުވީ އެ ދުވަހު ރާއްޖެ ސަލާމަތް ކުރުުމުގެ ޤައުމީ ބަޠަލެއްގެ ގޮތުގައި ހުރިހާ ދިވެހިންވެސް މީގެ ކުރިން ޤަބޫލު ކުރަމުން އައި ބޭފުޅަކު މިއަދު ޤައުމުގެ ޚާއިނެއް ހިމާޔަތް ކުރާ މީހުންނަށް ވާގިވެރިވާނެހެން އެކަމާ އެއްޗެއް ވިދާޅުނުވެ ހުންނެވުމަކީ އެ ބައިމީހުންނަށް ބައިޢަތު ހިފުން ކަމަށާ އަދި އެއީ ހިތާމަކުރާ ކަމެއް ކަމަށެވެ.ޝަހީދު އިތުރަށް ވިދާޅުވީ މައުމޫނު މިކަމުގައި ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމުން، ދާދި ފަހުން ބާޣީ ލުޠުފީގެ ނަމުގައި ޓްވީޓަ އެކައުންޓަކުން ކުރި ޓްވީޓުތަކުގައި ބުނެފައި ހުރި ވާހަކަތަކަކީ އެއީ ތެދުކަން ގާބޫލުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.ލުޠުފީގެ ނަމުގައި އިން ޓްވީޓާ އެކައުންޓަކުން ކުރި ޓްވީޓުގައި ބުނެފައިވަނީ ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާގައި އޭނާއަށް ޝަރިއަތުގެ މަޖިލީހުގައި އޭނާގެ ދިފާޢުގައި ވާހަކަދައްކަން ފުރުޞަތު ލިބިގެން ގޮސްފައި ނުވާ ކަމަށާ އަދި އެކަންކޮށްފައިވަނީ އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއްގެ އޯޑަރަށް ކަމަށެވެ. ލުޠުފީއަކި 19 ދިވެއްސަކު ޝަހިދުވެގެން ދިޔަ މަޝްހޫރު ބަޑި ބުރާސްފަތީގެ ހާދިސާގައި އެންމެ އިސްކޮށް ހަރަކާތްތެރި އެކަކެވެ.އަދި މުޅި އެ އޮޕަރޭޝަންސް ރާވާ ހިންގުމުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރީ މިއަދުގެ ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެވެސް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެވެސް ބަފައިބެ، އަދި މަޖިލިސް ރައީސްގެ ބޮޑު ބޭބެ ސިިއްކަ އަހުމަދު އިސްމާއިލު މަނިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ