ބަޣާވާތެއް ނުކުރަން، ބަޣާވާތް ކުރާނީ ނަޝީދު: ގާސިމް

އެއްވެސް އިރެއްގައި ބަޣާވާތް ކުރައްވާފައި ނުވާނެ ކަމަށާއި އެކަން ކުރައްވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވިއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އަށް ނުލިބިއްޖެނަމަ އަނެއްކާވެސް ބަޣާވާތް ކުރާނެ ކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ވެއްޓުނުއިރު އެ ވެރިކަން ވައްޓާލުމުގެ އެންމެ އިސްކޮށް ހުންނެވީ ގާސިމް ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ތުހުމަތުކުރާއިރު މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ނަޝީދުގެ ވެރިކަން ވެއްޓުނީ ސަރުކާރު ހިންގަން ނޭނގިގެން ކަމަށާއި ބަޣާވާތް ކުރެއްވީ އަމިއްލަ އަށް ކަމަށެވެ.
"ފަނޑިޔާރަކު ހައްޔަރުކުރީމާ އެ ލިބުނު ނިކަމެތިކަމާއި ވޭނުގައި މީހުންގެ އިތުބާރު ގެއްލިގެން ދިޔައީ. ދިޔައިމާ އިދިކޮޅަށް ތިބި މީހުން ނިކުމެ މަސައްކަތް ކުރީ އޭނާ ދޫކޮށްލަން. ބުނީމަ ބުނީ (ނަޝީދު ވިދާޅުވި) 100 ފޫޓަށް ވެސް ކައިރިވިޔަކަ ނުދޭނަމޭ. އެހެން ނަމަވެސް ކަންވެގެން ނިމިގެން ދިޔަގޮތް އެ އޮތީ ފެންނަން. މިހާރު ރައްޔިތުންގެ ބޮލަށް ވަކި އެއްޗެއް ވެއްދުމަށް އޭނާ މަސައްކަތް ކުރަނީ" ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް ވަނީ މި ސަރުކާރު ވެސް ހަލާލުކޮށްލުމަށް ރޭވުންތަކެއް ނަޝީދު ރާވަމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނެ ވާހަކަ ވެސް ނަޝީދު މީގެކުރިން ދެންނެވި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ކާކުތޯ ބަޣާވާތް ކުރަން އުޅުނީ. އޭނަ އަމިއްލައަށޭ ބަޣާވާތް ކުރަނީ. ދެންވެސް ކުރާނީ އޭނަ. ރާވާނީ ވެސް އޭނަ. އެ ހުރިހާ ކަމެއް ވެސް ކުރީއްޔާ ކުރާނީ އޭނަ. އަޅުގަނޑުމެން ބަޣާވާތް ނުކުރަން" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ