ގދ. ތިނަދޫ ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ގދ. އަތޮޅު ޕޮލިހާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ގދ. ތިނަދޫ ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމުން ދަރިވަރުންނަށް ދަސްވި ކަންކަމުގެ ބޭނުން އަމަލީ މައިދާނުގައި ފުރިހަމައަށް  ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ އަދި މި ޕްރޮގްރާމުން ދަސްވި ކަންކަން އެހެން ދަރިވަރުންނަށް ބުނެދީ ނަމޫނާ ދަރިވަރުން ތަކަަކަށް ވުމަށް އެދިލެއްވިއެވެ
މީގެއިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އެދަރިވަރުން ބުނާގޮތަށް ބެލެނިވެރިން އަމަލުކޮށް، މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ.
މިޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މަގުމަތީގައާއި ޚާއްޞަކޮށް ސްކޫލް ސަރަޙައްދުގައި ޙަރަކާތްތެރިވާ ދަރިވަރުން ޢާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމާއި ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ކޮމިއުނިކޭޝަން ސްކިލްސްގެ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެއިތުރުން މަގުމަތީގައި ދަރިވަރުންނަށް ޕްރެކްޓިކަލް ސެޝަންތަކެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.
އެޕްރީލް 21ން 26ށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، ގދ. ތިނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި، ތިނަދޫ ސްކޫލާއި އަދި ތިނަދޫ އަބޫބަކުރު ސްކޫލް ހިމެނޭ ގޮތަށް ޖުމްލަ 64 ދަރިވަރުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ