ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ: ނާއިބު ރައީސް

ދިވެހި ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ފަރާތްތަކާ ދެކޮޅަށް އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ މަޖިލީސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ޢަލީ ނިޔާޒުގެ ކެމްޕޭން ޙަރާކަތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އަނިޔަވެރިވި ފަރަތްތަކަށް ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. މިކަން ކުރުމަށް އެންމެހާ ދިވެހިން އަނެއްކާވެސް މިވަނީ އެކީއެކައްޗަކަށް ތެދުވާން ޖެހިފައިވާ ކަމަށާއި އަނިޔާވެރިއަކަށް ފުރުސަތު ދިނުމުގެ ހުރިހާ މަގެއް ބަންދު ކުރަންޖެހޭ ކަމަށެވެ. ރާއްޖެއާއި އަންނަންއޮތް ޖީލުގެ މުސްތަގުބަލަށްޓަކައި ވެސް އެފަދަ މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރަންޖެހެނީ އަނިޔާވެރިވުމަށް ނޫންކަމަށާއި އެއީ ފިލާވަޅެއްގެ ދިނުމުގެ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ނާއިބު ރައީސް އެވިދާޅުވަނީ ކުރީގެ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައި އޮތްއޮތުން ބާތިލް ކުރިޔަސް އެމަނިކުފާނު ކުރައްވައިފައިވާ ކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ވާހަކައެވެ. މީހެއްގެ އެކައުންޓަށް 100 މިލިއަން ރުފިޔާ ޖަމާވުމުން އެއީ ކިހިނެއް ކޮންތާކުން ލިބުނު އެއްޗެއއްތޯ ބަލައި ނުހަމަގޮތުގައި ވަދެފައިވާ އެއްޗެއް ކަމަށްވާނަމަ އެއީ ކޮންމެ މީހަކަށް ވިޔަސް އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ