މަޖިލީހުގައި ރެސްޓޯރެންޓެއް، ފިހާރައެއް، އަދި ޖިމެއް ހުޅުވަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގަމުންދާ އިމާރާތުގެ މަތީ ޓެރަސްގައި ރެސްޓޯރަންޓްއަކާއި، ފިހާރަކާއި، ޖިމެއް ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރަންޓްއަކާއި ޖިމަކާއި ފިހާރައެއް ހުޅުވަނީ މަޖިލީހުގެ ސޯޝަލް ކްލަބް އިން އިސްނަގައިގެން ކަމަށެވެ.
މަޖިލީހުގެ ސޯޝަލް ކްލަބްގައި ތިބެނީ މަޖިލީހުގެ އެ ވަގުތެއްގައި ތިއްބަވާ މެންބަރުންނާއި މުވައްޒަފުންނެވެ. ނަމަވެސް މަޖިލީހުގެ ކުރީގެ މެންބަރުންނާއި ކުރީގެ މުވައްޒަފުން ވެސް އެ ކްލަބްގައި ބައިވެރިވެވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ގޮތުން ފިހާރާގައި ލިބެން ހުުންނާނީ ޖަލްސާތަކުގެ ޔައުމިއްޔާއާއި މަޖިލީހުން ފާސްކުރާ ގާނޫނުތައް ހިމެނޭ ފޮތްތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހުޅުވާ ރެސްޓޯރަންޓްގައި ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތުތައް ވެސް މެންބަރުންނަށް ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މެންބަރުންގެ އޮފީސް ގާއިމުކޮށް ނިމިއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮފީސް މަސައްކަތް ކުރެވޭނެ ގޮތަށް މޭޒުކޮޅުތައް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގެ މެންބަރުންގެ އަމިއްލަ މުވައްޒަފުންނާ އެކު އެ ތަނުގައި މަސައްކަތް ކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުން މަސައްކަތް ކުރަން ހާއްސަ ކެބިން ކޮޓަރިކޮޅުތައް ގާއިމުކޮށް ނިމިފައިވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވި އެވެ. އޭގެ ސަބަބުން ކޮންމެ ދުވަހެއްގައި ވެސް ކޮމިޓީތައް ހިންގަންވާ ގޮތާއި މަސައްކަތުގެ މިސްރާބު ކަނޑައަޅަން މެންބަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރާ މިންވަރަށް ވުރެ އިތުރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ