"އަންނަ ސީޒަނުގެ ސްޕެނިޝް ލީގު ފަށާއިރުވެސް ދަނޑުތަކަށް ސަޕޯޓަރުން ނުވެއްދޭނެ"

އަންނަ ސީޒަނުގެ ސްޕެނިޝް ލީގު ފަށާއިރުވެސް ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން ޝައްކު ކަމަށް ސްޕެއިންގެ ޞިއްޙަތާ ބެހޭ ވަޒީރު ސަންޓިއާގޯ އިޔާ ވިދާޅުވެއްޖެއެވެ.
އަންނަ ސީޒަނުގެ ސްޕެނިޝް ލީގު ސެޕްޓެމްބަރު މަހު ފަށަން މިހާރު ނިންމާފައިވާއިރު، އިޔާ ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް ސްޕެއިނަށް އެބައޮތް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ސީޒަނުގެ ސްޕެނިޝް ލީގު ފަށާއިރުވެސް ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާނުލެވިދާނެ ކަމަށެވެ.
ސްޕެއިންގައި ކޮވިޑް-19 ގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، އިޔާ ވިދާޅުވީ ކޮވިޑް-19 ގެ ކްލަސްޓާތައް މަޑުމަޑުން އިތުރުވި ކަމުގައި ވިޔަސް، މިވަގުތު ސްޕެއިންގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެކަމަކު އާންމުން އެއްވާން ހުއްދަ ދެވޭނީ ކޮވިޑް-19 ގެ ހާލަތު އެއްކޮށް ބަދަލުވުމުން ކަމަށްވެސް ވިދާޅުވިއެވެ.
އިޔާ އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގާތުން ސްޕެއިންގެ ކުޅިވަރާ ބެހޭ ވުޒާރާއާ ހިއްސާ ކުރަމުންދާ ކަމަށާއި، ފަހުގެ ނިންމުން ނިންމާނީ އެއިދާރާއިން ކަމަށެވެ. އަދި އުންމީދު ކުރަނީ ކޮވިޑް-19 އާ ގުޅިގެން ނިންމާ ނިންމުން ވެގެންދާނީ ވަރަށް ވިސްނުންތެރި ކަމާއެކު ނިންމާ ނިންމުމެއް ކަމަށް އިޔާ ވިދާޅުވިއެވެ.
ސަޕޯޓަރުންނާއި ނުލާ މި ސީޒަނުގެ ސްޕެނިޝް ލީގުގެ މެޗުތައް ފަށާފައިވަނީ މިދިޔަ ޖޫން 11 ވަނަ ދުވަހުއެވެ. މީގެ ކުރިން ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގު ނިމުމުގެ ކުރިން ސަޕޯޓަރުންނަށް ދަނޑު ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ