ޒިޔާދާގެ މަރު: ފިރިމީހާ ޖަލަށް ލުމުން ދަރިފުޅު ގެއިން ނެރެލައިފި

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ޒިޔާދާ ނައީމް ރޭޕްކުރިކަން ސާބިތުވެ އޭނާގެ ފިރިމީހާ ޖަލަށް ލާން މިއަދު ހުކުމް ކުރުމާ އެކު، ޒިޔާދާގެ ހަގު ފިރިހެން ދަރިފުޅު ޒިޔާން އިބްރާހިމް ގެއިން ނެރެލާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
ޒިޔާދާގެ ތިން ދަރިންގެ ތެރެއިން ދެ ވަނަ އަށް ހުންނަ ޒިޔާން، 20، ބުނީ ބައްޕަ އާއި ދޮންމަންމަ އުޅޭ ގެއިން ނުކުންނަން އެންގުމުން މިހާރު އޭނާ ހުރީ ރައްޓެއްސެއްގެ ގޭގައި ކަމަށެވެ.
ޒިޔާން ބުނީ ކަނިފުށި މޯލްޑިވްސް ރިސޯޓުގައި އަދާކުރަމުން ދިޔަ ވަޒީފާ، ކޮވިޑްގެ ސަބަބުން ގެއްލި ބައްޕަ އާއި ދޮންމަންމައާ އެކު އުޅެނިކޮށް މިއަދު ކުރި ހުކުމަކީ، އަނިޔާތަކުގެ ސަބަބުން މަރުވި މަންމަ އަށް އިންސާފު ލިބުނު ނިންމުމަކަށް ވިޔަސް އެ ހުކުމާ އެކު އަނެއްކާވެސް އިތުރު ހިތްދަތިކަމެއް ވެސް ލިބުނީ ކަމަށެވެ.
"މިއަދު ބުނެފި ގެއިން ނުކުންނާށޭ. ކޮންމެހެން ބައްޕަ ނުހުންނަ ތަނެއްގަ ޒިޔާނަކަށް ނުހުރެވޭނެއޭ. ދެން އައިސް ރައްޓިއްސެއްގެ ގޭގަ މިހުރީ،" ޒިޔާން ބުންޏެވެ.
ޒިޔާދާގެ ނުރުހުމުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު ގުޅުން ހިންގައި އަދި އެކަމުގެ ތެރޭގައި އަނިޔާވިކަން ސާބިތުކުރުމަށް، ޒިޔާދާ އޭނާގެ ދަރިންނަށް އެ ހާދިސާއާ ބެޙޭ ގޮތުން ދެއްކި ވާހަކަތަކާއި ކޮށްފައިވާ މެސެޖުތައް ހެކީގެ ގޮތުގައި ކޯޓުން ވަނީ ބަލައިގެންފަ އެވެ.
ޒަޔާން ބުނީ ބައްޕަ ތިން އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުން، އޭނާ މަގުމަތިކުރި ނަމަވެސް އަބަދުވެސް ބޭނުންވީ މަންމަ އަށް އިންސާފު ލިބުން ކަމަށެވެ. އުމުރުން 17 އަހަރުގައި މަންމައާ ވަކިވާން ޖެހުނު އިރު މަންމައަށް ތަހައްމަލުކުރަން ޖެހުނު ވޭން އެނގޭ ކަމަށާއި އަބަދު ވެސް މަންމައަށް އިންސާފު ބޭނުންވާ ކަމަށް ބުންޏެވެ.
3 years is very less. But at last Mom is getting justice. Two more cases to go. Justice for Mom #justiceforZiyadhaAlhamdhulillah ♥️ https://t.co/mT3NzTgxzs— Zidhan Ibrahim Hussain (@xidhrn) October 1, 2020
ހުކުމާ ގުޅިގެން "މިހާރު" އާ ވާހަކަދައްކަމުން ޒިޔާދާގެ ދޮށީ ދަރިފުޅު ޒިދާން އިބްރާހިމް ހުސައިން، 22 ބުނީ މަންމަ އަށް އިންސާފު ހޯދައިދޭން މި ސަރުކާރުން ވައުދުވި ނަމަވެސް އިންސާފު ލަސްވަމުން ދިއުމުން ކަންބޮޑުވި ކަމަށެވެ. ނަމަވެސް ސަރުކާރު ފެއިލް ނުވާކަން އެނގިއްޖެ ކަމަށާއި މިއަދުގެ ހުކުމަކީ އިންސާފުގެ ފެށުން ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
"ތިން އަހަރު ވެސް އަސްލު މަދު. އެކަމަކު މިއީ އިންސާފުގެ ފެށުން ކަމަށް މި ބަލަނީ. ބޭނުންވަނީ މަންމައަށް ލިބުނު އަނިޔާއަށް ފުރިހަމަ އިންސާފު،" އަމިއްލަ އާއިލާއެއް ފަށައި މިވަގުތު ސްރީ ލަންކާގައި ދިރިއުޅެމުން އަންނަ ޒިދާން ބުންޏެވެ.
ޒިޔާދާގެ ދަރިން: ޒިދާން، ޒިދާން އަދި ޒިއުނީ
"އެންމެ ފުރަތަމަ ވެސް ވަރަށް ޕްރެޝަރު އައި. އެކަމަކު ދުވަހަކު ވެސް ޕޮލިހަށް ދިން ބަޔާން ބަދަލެއް ނުކުރަން. އައި އޯލްވޭސް ސްޓިކް ޓު އިޓް. މިއީ އޭގެ ނަތީޖާއަށް ވެސް ވެދާނެ،" ޒިދާން ބުންޏެވެ.
ބަނޑޮސް މޯލްޑިވްސް އަދި މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގައި ފޮޓޯގްރާފަރެއްގެ ވަޒީފާ އަދާކުރާ ޒިދާން މިވަގުތު ލަންކާގައި ހުރީ ކޮވިޑް-19ގެ ސަބަބުން ގުޅިގެން ވަޒީފާ މެދުކެނޑުމުން އަންހެނުންނާއި ދަރިފުޅާ އެކު އެވެ.
އޭނާ ބުނީ އަންހެން ކޮއްކޮ ވެސް ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމުން ލަންކާ އަށް ބަދަލުކުރާނެ ކަމަށެވެ.
"ހީކުރިން މަންމަ ނިޔާވީމާ އާއިލާ އިން އަހަރެމެން ބަލާނެ ކަމަށް. އެކަމަކު އެހެނެއް ނުވި. ދެން އުޅޭނީ ތިން މީހުން އެކީ އެކަނި ބަޔަކާ ނުޖެހި،" ޒިދާން ބުންޏެވެ.
MEEHUN: Ziyadha ge huvafen thakaa eku dhoshee dharifulhu aa feshumakah
Mihaaru
މީގެ ކުރިން ޒިދާން މިހާރު އަށް ދިން އިންޓަވިއުއެއްޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ.
މި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް މިއަދު ހުކުމް ކުރީ ރޭޕްގެ މައްސަލައިގަ އެވެ. ދެން ހުރި ދައުވާތައް ވެސް އަދި ކުރިއަށް ގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ