ސްކޫލް މާހައުލު ވަރަށް ރައްކާތެރި، މިހާތަނަށް އެއްވެސް މީހަކު ޕޮސިޓިވް ނުވޭ!

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފެށިތާ މަހެއްވާން ކައިރިވެފައިވާއިރު މިހާތަނަށް ސްކޫލް މާހައުލުން އެއްވެސް މީހަކު ޕޮސިޓިވްވެފައި ނުވާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑާއި ގުޅިގެން ސްކޫލްތައް ފެށުމުގެ ކުރިން ބޮޑެތިި މަޝްވަރާތަކެއް ކުރެވި ރައްކާތެރިކަމުގެ ގޮތުން އަޅާނެ ވަރުގަދަ ފިޔަވަޅުތަކެއް ނިންމައި އެކަންކަމަށް އަމަލު ކުރެވެމުންދާ ކަމަށެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅުކަމަށާއި މިހާތަނަށް އެއްވެސް ސްކޫލެއްގައި ކޯވިޑް ފެތުރިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދުވަސް ވަރު ކޯވިޑަށް ޕޮސިޓިވްވަމުންދާ ކުޑަކުދިން ވަރަށް ގިނަ ކަމަށެވެ. އަދި ޕޮސިޓިވް ވަމުންދާ މީހުންގެ ތެރޭގައި ޓީޗަރުންނާއި ސްކޫލްތަކުގެ މުވައްޒަފުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ އެންމެންނަށްވެސް ވައިރަސް ޖެހިފައިވަނީ އާއިލާގެ އެކި މީހުންގެ ފަރާތުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ ސްކޫލްއިން ބައްދަލުވެފައިވާ އެއްވެސް މީހުންގެ ފަރާތުން ބަލި ފެނިފައި ނުވާކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ