ކޯލިޝަނުގައި ނުހިމެނޭ ޕާޓީއަކާއެމު މަސައްކަތެއް ނުކުރާނަން: ރައީސް މައުމޫނު

މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ނުހިމެނޭ އެއްވެސް ޕާޓީއަކާއެކު ސިޔާސީ މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން އިއުލާނު ކުރެއްވުމަށް ސޯލްޓް ކެފޭގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވުމަށް ނިންމާފައިވާ ކަމުގައެވެ. އަދި މިހާރުގެ ސަރުކާރުގެ ކޯލިޝަން ވަރުގަދަކޮށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށާއި ކޯލިޝަނުން ބޭރު ޕާޓީއަކާއިއެކު އެމަނިކުފަނު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޯލިޝަން ބަދަހިކަމާއެކު ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ކޯލިޝަންގެ ކޮންމެ ޕާޓީއަކާއެކުވެސް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.
ރައީސް މައުމޫނު މިމޭރުމުން ވިދާޅުވިއިރު ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފަތުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވަނީ މަޖިލިސް އިންތިހާބުގައި ކޮންމެ ޕާޓީއަކާއި ކޮންމެ ލީޑަރަކާއެކުވެސް މަސައްކަތް ކުރެއްވުމަށް ތައްޔާރުކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ