މިހާރު އެ ވާހަކަދައްކަނީ މުއާޒެއް ނޫން، އެހެންވީމަ އަލިފާން ނުފެނިދާނެ: އުމަރު ނަސީރު

ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި ހިނގި ބޮންގޮއްވުމުގެ ހާދިސާގައި އެ ލޯންޗުކޮޅުގެ ތެރެއިން އަލިފާން މުއާޒަށް ނުފެނިދާނެ ކަމަށާއި އެހެން ނޫނަސް މިހާރު އެ ވާހަކަދައްކަނީ އަސްލު އިބްރާހީމް މުއާޒް އަލީ ނޫން ކަމަށް އެ މައްސަލަ ތަހުގީގު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު މިއަދު ވިދާޅުވީ މުއާޒް މިހާރު ވާހަކަ އެ ދައްކަނީ ކޮންމެވެސް އެހެން ބާރެެއްގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެހެން ކަމުން އޭރު ފެނުނު ވަރަށް ގިނަ ކަންކަން މިހާރު ނުފެންނަކަމަށް ވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"މިހާރު އެވާހަކަދައްކަނީ މުއާޒެއް ނޫން. އެވާހަކަދައްކަނީ ފައިސާ. އެއީ އެމްއެމްޕީއާރްސީގެ ފައިސާ." އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ދަތުފުޅުކުރެއްވި ލޯންޗުކޮޅުގައި ގޮއްވާލައިފައި ވަނީ އެންމެ ބާރުގަދަ ޒާތުގެ ގޮވާ އެއްޗެއް ކަމަށާއި އެފަދަ އެއްޗެހިން އުފައްދާ އަލިފާން ފެންނަ ވަގުތުގެ ދިގުމިނަކީ ސިކުންތެއްގެ ދިހަބައިކުޅަ އެއްބައި ކަމަށެވެ. އެހެން ކަމުން އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަލިފާން ލޮލަށް ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ އެއީ ރައީސް އޮފީހުގެ ވީޑިއޯ ކެމެރާއަށް އަރާފައިވާ މަންޒަރެއް ކަމަށާއި ޕްރިވެޓް މީޑިއާ ތަކުގެ ވީޑިއޯތައް ވެސް ހޯއްދެވި ކަމަށާއި އެހެން ނަމަވެސް އޭރު އަދި ރައީސްގެ ލޯންޗުކޮޅު ކައިރި ނުކުރާތީ ޕްރައިވެޓް މީޑިއާތަކުން ރެކޯޑު ކުރަން ނުފަށާ ކަމަށެވެ.
"ރައީސްގެ ސްޓިލް އަދި ވީޑިއީ ކެމެރާމަނުން ގެންދާނީ އަބަދުވެސް އެމަނިކުފާނުގެ ހުރިހާ މޫވްމެންޓެއް ކެޕްޗާ ކުރަމުން. ރާއްޖޭގައި އެކަން ކުރާލެއް ކުޑަތަންކޮޅެއް މަދު. މިސާލަކަށް އެމެރިކާގައި ނަމަ ކޮޓަރިން ނިކުންނެވުމުން ފެށިގެން އަލުން އެނބުރި ވެންނެވުމާ ހަމައަށް ކޮންމެ ހަރަކާތެއް ކެޕްޗާ ކުރެވިފަ ހުންނާނެ. ރައީސަކަށް ކަމެއް ވާނީ ހަމަލާއެއް އަންނާނީ ކޮން އިރަކު ކަމެއް ނޭނގޭނެ. އެ ގޮތުން ރައީސް ޔާމީންގެ ވީޑިއޯގްރާފަރު ވެސް ހުރީ ލޯންޗު ކައިރި ނުކުރަނީސް ރެކޯޑަށް ޖައްސާފަ. އެހެންވެ އެމަންޒަރު އަރާފަ އެހުރީ." އުމަރު ވިދާޅުވި އެވެ.
ރައީސް ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އިބްރާހީމް މުއާޒް އަލީ ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވަނީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާއަކީ ރައީސް ޔާމީނަށް ކުރިޔާލައި އެނގިވަޑައިގެން ހިނގާފައިވާ ހާދިސާއެއް ކަމަށް މާނަކުރޭ ގޮތަށް ވާހަކަދައްކަވައިފަ އެވެ. އަދި އެ ކަމުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވެސް އަތެއް ނުވާ ކަމަށް މާނަ ކުރެވޭ ގޮތަށް މުއާޒް ވަނީ ވާހަކަދައްކަވައިފަ އެވެ.
ރޭގެ ނޫސްވެރީންގެ ބައްދަލުވުމުގައި މުއާޒް ވަނީ އޭނާ ޕީޕީއެމްގެ މެންބަރުކަމުން އިސްތިއުފާދެއްވިކަން ވެސް އިއުލާނުކުރައްވައިފަ އެވެ.
އުމަރު ނަސީރުގެ މި ވާހަކަފުޅާ ގުޅިގެން މުއާޒްގެ ކޮމެންޓެއް ހޯދަން ގުޅުމުން އޭނާ ފޯނެއް ނުނަންގަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ