ކޭބަލްގެ މައްސަލަ ވަގުތީ ގޮތުން ހައްލުކޮށް މާފަރަށް ކަރަންޓް ދީފި

ކޭބަލްގެ މައްސަލަ ވަގުތީގޮތުން ހައްލުކޮށް މާފަރަށް ކަރަންޓް ދީފި އެވެ.
މާފަރުގެ ކައުންސިލް މެމްބަރެއް ކަމަށްވާ ޒަކަރިއްޔާ މުހައްމަދުފުޅު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެގެ އިރުއޮއްސި ހަޔަކާއި ހަގަޑި ތިރީހާއި ދެމެދު އެރަށުގެ މަގުތައް ދިއްލުމަށް އަޅާފައިވާ ކޭބަލްތައް ބުރިކޮށް ވަގަން ގެންގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރަށުގެ ބައެއް ހިސާބުތަކުގެ މަގުތައް އަދިރިވި ކަމަށްވެސް ޒަކަރިއްޔާ ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް ކައުންސިލްގައި ހުރި ބައެއް ތަކެތި ބޭނުންކޮށްގެން ރޭގެ ވަގުތެއްގައި ކޭބަލްގެ މައްސަލަ ހައްލުކޮށް ކަރަންޓް ކެނޑުނު މަގުތަކަށް ކަރަންޓް ދީފައިވާ ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވި އެވެ
ކައުންސިލުން ވާހަކަދެއްކެވި މުސްތަފާ އާދަމް ވިދާޅުވީ ރަށުގެ މަގުތަކަށް މިހާރު ކަރަންޓް ދީފައިވީ ނަމަވެސް އެއީ ވަގުތީ ހައްލެއް ކަމަށާއި، ދާއިމީ ހައްލެއް ލިބުމަށް ހަފްތާއެއް ހާ ދުވަސް ނަގާނެ ކަމަށެވެ
މުސްތަފާ ވިދާޅުވީ ކޭބަލް ބުރިކޮށް ވަގަށް ގެންދިޔަ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ކައުންސިލްގެ މެންބަރުން ވިދާޅުވީ ކޭބަލް ބުރިކޮށް ވަގަށް ނަގާފައިވަނީ އެއަތޮޅު މަނަދޫއަށް ނިސްބަތްވާ ތިން މީހެއް ކަމަށާއި، ކޭބަލް ބުރިކުރި ސަރައްހައްދުގައި އެމީހުން ހަރަކާތްތެރިވި ތަން އެރަށުގެ ގިނަ ބަޔަކަށް ފެނިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ