ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
އިލްހާމުގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އިލްހާމުގެ އިތުރުން އަދި އިތުރު މެންބަރެއްގެ ގޮނޑިއާ މެދުވެސް ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމާނެ އެވެ. އެއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލަ އެވެ.
މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުން ދިޔަ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި މައްޗަށްގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މެންބަރަކު އިންތިހާބުވި ޕާޓީން 13 ޖުލައި 2017ގެ ފަހުން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައެޅުމާ ގުޅިގެންނާއި ސުޕްރީމް ކޯޓުން އެ ގާނޫނު ސައްހަކަން ކަނޑައެޅުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ވެސް އަމަލުކޮށްފައިވެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް 12 މެންބަރުންނާއި ގުޅިފައިވާ ޕާޓީ ތަކުން ގެންދިޔައީ މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި ނިންމުން މުރާޖައާކޮށް ކުރީގެ އެ ނިންމުން މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އޭރު 12 މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ ސުޕްރީމް ކޯޓުން ވަނީ ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށްފަ އެވެ.
މެންބަރު އިލްހާމުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ