ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އަލުން ރިވިއު ކޮށްދޭން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވާ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެމްޑީޕީ އިން އެދިއްޖެއެވެ.
އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ މަސްލަޙަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައަކަށްވާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަކީ އެޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލަައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމާއި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަޢާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި ދެއްވުން އެދި އެމްޑީޕީގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ މައްސަލަ ދިވެހިރާއްޖޭ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ މަރުޙަބާއާ ޝުކުރު ދަންނަވާ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގުނީ ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްޢަޤުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ޚިލާފަށެވެ. އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަންރައިޓްސް ކޮމިޓީ އިންވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް، ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގާފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ މިނިވަންކަން އަނބުރާ ހޯދައިދިނުމަށް އެމްޑީޕީ އިން ކުރަމުން ގެންދާ މަސައްކަތްތައް އެއްވެސް ފަސްޖެހުމެއް، ހުއްޓުމެއްނެތި ކުރިއަށް ގެންދާނޭކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.
ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަހަށް ނިންމައި ދިނުން އެދެން – އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ