ތުއްތު ކުދިންނާ ސްކޫލް ދަރިވަރުންނަށް ބަސް ދަތުރު ހިލޭ

ތުއްތުކުދިންނާއި ސްކޫލް ދަރިވަރުންނަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށް ގްރޭޓާ މާލެ ބަސް ހިދުމަތް ދެމުން އަންނަ އެމްޕީއެލުން ބުނެފިއެވެ.
މިއަދުން ފެށިގެން މާލެއިން ހުޅުމާލެ އަދި ހުޅުލެއަށް ދެމުން އަންނަ ބަހުގެ ހިދުމަތުން އަގު ނަގަން ފާށާފައި ވާއިރު، އެމްޕީއެލުން ބުނީ ތުއްތު ކުދިންނާއި ސްކޫލް ޔުނީފޯމުގައި ތިބޭ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު 7 އިން ފެށިގެން ބަހުގެ ހިދުމަތް ހިލޭ ދެމުން އައިސް މިއަދުން ފެށިގެން ބަހުގެ ޓިކެޓްގެ ގޮތުގައި ބޮލަކަށް 10 ރުފިޔާ ވަނީ ނަގަން ފަށާފައެވެ.
އެމްޕީއެލުން ބުނީ މިއަދުން ފެށިގެން މާލެއިން ހުޅުމާލެ އަދި ހުޅުލެއަށް ދާ ބަހުން ދެވޭނީ 10 ރުފިޔާ ދައްކައިގެން ކަމަށެވެ. އެގޮތުން ބަސް ދަތުރުތަކަށް ޓިކެޓް ވިއްކުމުގެ ބަދަލުގައި މާލެ/ހުޅުމާލެއަށް ދާން ބޭނުން ކުރާނީ ބަހުގައި ބަހައްޓާފައިި ހުންނަ "ޓަޗްލިންކް" ކާޑު ކަމަށާއި، މާލެ/ހުޅުލެއަށް ދަތުރުކުރުމަށް ޓިކެޓް ގަނެގެން ދަތުރު ކުރެވޭނެ ކަމަށެވެ.
ބަހުގެ ހިދުމަތް ދޭން ފެށިފަހުން މިހާތަނަށް ބަހުގެ ދަތުރުތައް ކުރަމުން އައީ ހިލެއެވެ. އެމްޕީއެލުން ބުނީ މާލޭގައި ހުންނަ ބަސް ޓާމިނަލުންނާއި، ހުޅުމާލޭގައި ހުންނަ ބަސް ޓާމިނަލުން 20 ރުފިޔާއަށް ކާޑު ލިބެން ހުންނާނެ ކަމަށެވެ. އަދި އެތަންތަނުން ބޭނުން ވަރަކަށް ކާޑަށް ފައިސާ އެޅޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.
ބަހަށް ފައިސާ ދެއްކުން ފަސޭހަކުރުމުގެ ގޮތުން، ބަހުގައި ބޭނުންކުރާ ކާޑަށް ހާއްސަ މެޝިންތަކެއް ބަސް ޓާމިނަލްތަކުގައި ވެސް ހުންނާނެ ކަމަށް އެމްޕީއެލުން ބުނެެއެވެ. އަދި އެ މެޝިނުގައި ކާޑު ޖެއްސުމުން ދަތުރަށް ފައިސާ ކެނޑޭނެ ކަމަށާއި، އެ ކާޑުން ކިތަންމެ ގިނަ ބަޔަކަށް ވެސް ދަތުރު ކުރެވޭނެ ކަމަަށް އެމްޕީއެލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ