ތައިލޭންޑް ހޮހޮޅައިން ފެށިގެން ޣައްޒާގެ ބޯޑަރަށް: 2018 ވަނަ އަހަރު ދުނިޔެ
ދެހާސް އަށާރަ ވަނަ އަހަރު ނިމިގެން ގޮސްފައި ވަނީ އާދަޔާ ހިލާފު ގިނަ ކަންތައްތަކުން ފުރިފައިވާ އަހަރެއްގެ ގޮތުގަ އެވެ. މިގަރުނުގެ އެންމެ ދިގު ހަނދު ކޭތަ އާއި 'ސުޕަ ބްލޫ ބްލަޑް މޫން'އަކުން ދުނިޔެ ހައިރާން ކުރުވުމަށް ފަހުގަ އެވެ. އަދި ތައިލޭންްޑުގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިން ސަލާމަތް ކުރި ހަބަރުން ހިތްހަމަޖައްސައި ދިން ނަމަވެސް ކުޑަކުޑަ ޒައިނަބު އަންސާރީގެ މަރާއެކު ދުނިޔެ ރޮއްވާލުމަށް ފަހުގަ އެވެ. އެގޮތުން މިއީ، މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ފާހަގަ ކޮށްލެވުނު ބައެއް ހާދިސާތަކެވެ. އުތުރު ކޮރެއާއިން އެކުވެރިކަމުގެ އަތެއް ދިއްކޮށްލުން މިދިޔަ އަހަރު ފެށިގެން ދިޔައީ، ދުނިޔޭގެ ގިނަ ގައުމުތަކުން އެކަހެރިކޮށްފައިވާ އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ދިއްކޮށްލި ރަހުމަތްތެރި ކަމުގެ އަތާ އެކުގަ އެވެ. އޭގެ ސަބަބުން ދެ ގައުމުގެ މެދުގައި މަޝްވަރާތައް ބާއްވައި، ވިންޓާ އޮލިމިކްސްގައި ދެ ގައުމު އެކުގައި ބައިވެރިވުމުގެ އިތުރުން، ދެ ގައުމުގެ ލީޑަރުންގެ ބައްދަލުވުމަކަށްވެސް މަގުފަހިވި އެވެ. އުތުރުގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނުގެ ރައީސް މޫން ޖޭ އިންގެ އެބައްދަލުވުން ބޭއްވީ ދެ ކޮރެއާގެ މެދުގައި އޮންނަ ޑީމިލިޓަރައިޒްޑް ޒޯނުގަ އެވެ. އެމުނާސަބަތަކީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ފަހުން އުތުރުގެ ލީޑަރަކު ދެކުނު ކޮރެއާގެ ބޯޑަރު ހުރަސް ކުރެއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އޭޕްރިލް މަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ވަނީ ޑީމިލިޓަރައިޒްޑް ޒޯނުގައި ބައްދަލު ކުރައްވާފަ -- ފޮޓޯ: އީޕީއޭ ލަންކާއަށް ސިޔާސީ ގޮތުން ހަލަބޮލި އަހަރެއް މިދިޔަ އަހަރު ވެގެން ދިޔައީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުން ދެ ނިންމުމެއް ނިންމި އަހަރަކަށެވެ. ފުރަތަމަ ނިންމުމަކީ، ސިރިސޭނާގެ ރިޔާސީ ދައުރު 2020ގައި ނިމުމުން އިތުރު ދައުރަކަށް ވެރިކަމުގައި ހުންނެވުމާ ދެކޮޅަށް ނިންމުމެވެ. ދެވަނަ ނިންމުމަކީ، މިދިޔަ އޮކްޓޯބަރު މަހު ސިރިސޭނާ ލަންކާގެ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ނިންމުމެވެ. ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރު ކުރެއްވުމަށް ފަހު، އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވުމަށް ފަހުގަ އެވެ. ލަންކާގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުނީ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމުން އެމަގާމަށް އަނެއްކާ ވެސް ވިކްރަމަސިންހަ އައްޔަން ކުރުމުންނެވެ. ނަމަވެސް ހަތް ހަފުތާއަށް ދެމިގެންދިޔަ އެ މައްސަލަގަނޑުގެ ސަބަބުން ގައުމުގެ ފަތުރުވެރިކަމާއި ފައިސާ އަގު ދަށްވެ، އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބުނެވެ. ޝާހީ ކައިވެންޏެއް އިނގިރޭސި ރާނީ އެލިޒަބެތު ދެވަނައިގެ މާމަ ދަރިކަލުން ޕްރިންސް ހެރީ އާއި އެމެރިކާގެ ފިލްމީތަރި މޭގަން މާކްލް ވަނީ މިދިޔަ މެއި މަހު ކައިވެނި ބައްލަވައިގެންފަ އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު ޝާހީ އާއިލާއިން ވަނީ ޕްރިންސް ހެރީ ބައްޕައަކަށް ވާން އުޅޭ ކަން އިއުލާންކޮށްފަ އެވެ. މިދިޔަ މެއި މަހު ޕްރިންސް ހެރީ އާއި މޭގަން މާކުލް ވަނީ ކައިވެނި ބައްލަވައިގެންފަ -- ފޮޓޯ: ޕީއޭ ޒައިނަބު އަންސާރީގެ މަރާއި އިންސާފު ޕާކިސްތާނުގެ އުމުރުން ހަތް އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލާފައިވާ އޮއްވާ ފެނުނީ ޖެނުއަރީ ނުވައެއްގަ އެވެ. އެއީ އެކުއްޖާ ގެއްލިގެން ހޯދާތާ ފަސް ދުވަސް ފަހުންނެވެ. ޒައިނަބުގެ އާއިލާގެ އިތުރުން ޕާކިސްތާނުގެ ގިނަ އަދަދެއްގެ މީހުން ވަނީ ޒައިނަބު ހޯދުމުގައި ފުލުހުން އިހުމާލުވި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކުގައި ދެ މީހަކު މަރުވި އެވެ. ޒައިނަބުގެ ގާތިލަކީ އެ ކުއްޖާގެ އަވަށްޓެރިއެއް ކަމަށް އިމްރާން އަލީ އެވެ. އޭނާ ޖެނުއަރީ 23ގައި ހައްޔަރު ކުރުމަށް ފަހު، ޖެހިގެން އައި މަހު މަރަން ހުކުމް ކުރި އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު އިމްރާން ވަނީ ދަންޖައްސައި މަރާލައިފަ އެވެ. ގަރުނުގެ އެންމެ ދިގު ހަނދު ކޭތަ އާއި 'ސުޕަ ބްލޫ ބްލަޑް މޫން' މިދިޔަ އަހަރު ތެރޭ ދުނިޔެއަށް ވަނީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ދެ ހަނދުކޭތައެއް ފެނިފަ އެވެ. އެއީ ޖެނުއަރީ މަހު ފެނުނު ސުޕަ ބްލޫ ބްލަޑް މޫން އާއި ޖުލައި މަހު ފެނުނު، މިގަރުނުގެ އެންމެ ދިގު ހަނދުކޭތަ އެވެ. އެކޭތަ އެއް ގަޑި އިރާއި 43 މިނިޓު ވަންދެން ފެނިގެން ދިޔަ އެވެ. ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ސުޕަ ބްލޫ ބްލަޑް މޫންއެއް އެންމެ ފަހުން ފެނިފައި ވަނީ 1866ގަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ހިފި ގަރުނުގެ އެންމެ ދިގު ހަނދުކޭތައިގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް ނަޖީބު ރައްޒާގު ވެރިކަމުން ދުރަށް އަދި ކޯޓުތަކުގެ ތެރެއަށް މެލޭޝިއާގައި މިދިޔަ މެއި މަހު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައިގެން 92 އަހަރުގެ މަހާތިރު މުހައްމަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަމުން ނަޖީބު ރައްޒާގު ދުރުކުރައްވައިފަ އެވެ. އަދި އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް މިނިވަން ކުރައްވައި ވަންއެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލަ އަލުން ތަހުގީގު ކުރަން އަންގަވާފަ އެވެ. އެ މައްސަލާގައި ނަޖީބުގެ މައްޗަށް މިހާތަނަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑާ ކުރުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހިޔާނާތްތެރިވުމުގެ ދައުވާ ހިމެނެ އެވެ. އަދި ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ގިނަ ދައުވާތަކެއް ކޮށްފަ އެވެ. ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިން ސަލާމަތް ކުރުން ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި 12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ކޯޗު ތާށިވި ހަބަރުން ފެށިގެން، އޭގެ ތެރެއިން ކޮންމެ ކުއްޖަކު ސަލާމަތް ކުރެވެންދެން ދުނިޔޭގެ ގިނަ ބަޔަކަށް ތިބެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިދިޔަ ޖޫން މަހު، އުމުރުން 11 އަހަރާ 16 އަހަރާ ދެމެދުގެ އެކުދިން ހޮހޮޅައިގައި ތާށިވީ، ހޮހޮޅައިގައި ފެންބޮޑުވުމުގެ ސަބަބުންނެވެ. އަދި އެކުދިން ސަލާމަތުން ދިރިތިބިކަން އެނގުނީ އޭގެ ނުވަ ދުވަސް ފަހުން، އިންޓަނޭޝަނަލް ޑައިވަރުން ހިމެނޭ ޓީމަކުން ކުރި މަސައްކަތުންނެވެ. އެހުރިހާ ކުދިންނާއި ކޯޗު ހޮހޮޅައިން ނެރުމަށް ތިން ދުވަސް ހޭދަވި އެވެ. އެ މަސައްކަތުގައި ތައިލޭންޑުގެ ކުރީގެ ނޭވީ ސީލްއެއް ކަމަށްވާ ސަމަން ގުނަން ވަނީ މަރުވެފަ އެވެ. ގްރޭޓް މާޗް އޮފް ރިޓާން އަދި ވެސް ކުރިއަށް މިދިޔަ މާޗު މަހު ފަލަސްތީނުގެ ރައްޔިތުން ގާޒާ ބޯޑަރު ކައިރީގައި ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި ފެށި މުޒާހަރާތައް އަދި ވެސް ދަނީ ކުރިއަށެވެ. އެމުޒާހަރާތައް ފެށީ، އިސްރާއީލް އުފެއްދުމަށް ޓަކައި އެބިމުން ބޭރުކޮށްލި ފަލަސްތީނުގެ ރައްޔިތުންނަށް އެބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ އެވެ. ގާޒާގެ ހެލްތު އޮފިޝަލުން ބުނާ ގޮތުގައި އިސްރާއީލް ސިފައިން ވަނީ މި އަހަރު ތެރޭ ގާޒާގެ 220 މީހުން މަރާލައި، 18000 މީހުން ޒަހަމްކޮށްފަ އެވެ. ގާޒާގެ ބޯޑަރު ކައިރީ ޝަހީދުކޮށްލި މީހުންގެ ތެރޭގައި، މުޒާހަރާގައި އަނިޔާވާ މީހުންނަށް ފަރުވާ ދެމުންދިޔަ 21 އަހަރުގެ ނަރުހެއް ކަމަށްވާ ރަޒަން އަލް ނަޖަރު ހިމެނެ އެވެ. ގާޒާގެ ބޯޑަރު ކައިރީ އޭޕްރިލް މަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި އަނިޔާވި މީހަކަށް ރަޒަން ފަރުވާ ދެނީ. މިދިޔަ ޖޫން މަހު އިސްރާއީލް ސިފައިން ވަނީ ރަޒަން ވަނީ ޝަހީދުކޮށްލާފަ -- ފޮޓޯ: އޭޕީއޭ އިންޑޮނޭޝިއާގެ މަތިންދާބޯޓެއް ވެއްޓުމާއި ގުދުރަތީ ކާރިސާތައް މިދިޔަ އަހަރު އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާތަކާ ކުރިމަތިލާން ޖެހުނީ އިންޑޮނޭޝިއާގެ ރައްޔިތުންނަށެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހު އެގައުމުގެ ލޮމްބޯކަށް އައި ބާރުގަދަ ބިންހެލުމުގައި 468 މީހުން މަރުވި އެވެ. އަދި އޭގެ ޖެހިގެން އައި މަހު އެގައުމުގެ ސުލަވެސީއަށް 7.5 މެގްނިޓިއުޑުގެ ބިންހެލުމެއް އައިސް، ސުނާމީ އެރުމުގެ ސަބަބުން 2،783 މީހުން މަރުވި އެވެ. މީގެ އިތުރުން، މިދިޔަ މަހު އެގައުމުގެ ޖާވާއަށާއި ސުމަތުރާއަށް ސުނާމީއެއް އަރައި، 430 މީހުން މަރުވެފައިވެ އެވެ. ގުދުރަތީ ކާރިސާތަކުގެ އިތުރުން، މަތިންދާބޯޓެއް ވެއްޓި 189 މީހުން މަރުވި ހާދިސާއާ ވެސް އިންޑޮނޭޝިއާގެ ރައްޔިތުންނަށް މިދިޔަ އަހަރު ކުރިމަތިލާން ޖެހުނެވެ. މިދިޔަ އޮކްޓޯބަރު މަހު ހިނގި އެ ހާދިސާ ތަހުގީގު ކުރި ފަރާތްތަކުން ވަނީ، ވެއްޓުނު ލަޔަން އެޔާގެ ބޯޓަކީ ދަތުރު ކުރާ ހާލަތުގައި އޮތް ބޯޓެއް ނޫން ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ