ވަކީލުން ސަސްޕެންޑް ކުރުމުން ދޭހަވަނީ ޕެޓިޝަންގައިހުރި ކަންކަމަކީ ސުޕްރީމް ކޯޓު ބައިވެރިވާކަމެއްހެން: މާރިޔާ

ޕެޓިޝަން ހުށަހެޅި ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރުމުން ދޭހަވަނީ ޕެޓިޝަންގައި ހުރި ކަންކަމަކީ ސުޕްރީމް ކޯޓް ބައިވެރިވާ ކަމެއްހެން ރައްޔިތުންނަށް ހީވެގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅުމުން ސަސްޕެންޑް ކުރި ގާނޫނީ ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ މާރިއާ އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި ކަންކަން ހިނގަމުންދާ ގޮތަކީ މިއަދު ސިއްރުން މީހުން ދައްކަމުންދާ ވާހަކައެއް ނޫން ކަމަށާއި ރައްޔިތުން ދައްކަމުންދާ ވާހަކައެއް ކަމަށެވެ.
ބަންޑާރަ ނައިބު އޮފީހުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މާރިޔާ ވިދާޅުވީ ރާއްޖޭގެ ގާނޫނީ ވަކީލުންނަކީ އަދްލު އިންސާފް ގާއިމް ކުރުމަށާއި ރައްޔިތުންނަށް އަސާސީ ހައްގުުތައް ހޯދައިދިނުމަށް މާތް ﷲ ގަންދީ ހުވައެއް ކުރައްވައިގެން ތިއްބަވާ ބައެއް ކަމަށާއި ވަކީލުން ހުށަހެޅުއްވި ޕެޓިޝަންގައި ދައްކާފައިވާ ވާހަކަތަކަކީ އާއްމު ރައްޔިތުން ވެސް ދައްކަމުންދާ ވާހަކަތައް ކަމަށެވެ. އޭގައިވާ ވާހަކަތަކަކީ ވަކީލުން އެމީހުން ކުރައްވައިގެން ތިއްބެވި ހުވަޔާއި އެއްގޮތަށް ކަންކަން ކުރައްވަން ހުރަސްއެޅޭތީ އެކަންކަން ބަޔާންކޮށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑުމެން 56 ވަކީލުން ސޮއިކޮށް ސުޕްރީމް ކޯޓަށް މިހުށަހެޅި އެއްޗަކީ ނުދައްކާ ވާހަކައެއް ނޫން އޭގައި ދައްކާފައި އެހުރީކީއެއް. އާއްމުން ދައްކާ ވާހަކަތައް އެބޭފުޅުންގެ ސަމާލުކަމަށް ގެނައުމަށް ކޮށްފައިވާ ކަމެއް. އެކަމަކު އެހުށަހެޅީމާ އެ ޕެޓިޝަނަށް ސަމާލުކަން ދިނުމަށްވުރެ އެވަކީލުން ސަސްޕެންޑް ކުރީމާ އެނގިގެން ހިނގައްޖެ އެމީހުން ބައިވެރިވެގެން ހިނގާ ކަމެއްކަން،" މާރިޔާ ވިދާޅުވިއެވެ.
މިހާރު މިއޮތް ގާނޫނުއަސާސީ ހެއްދެވިއިރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް އިންނެވި މާރިޔާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް މިފަދަ ގޮތަކަށް އެ ދާއިރާއެއްގެ ބަޔަކު އެ ދާއިރާގެ ކަންކަން އިސްލާހު ކުރުމަށް ހުށަހަޅައިގެން ބަޔަކާމެދު ފިޔަވަޅު އަޅާފައި ނުވާކަމަށެވެ. މިކަމުން ދޭހަވަނީ މިހާރު މިއޮތް ޤާނޫނު އަސާސީ އައުމުގެ ކުރިން އޮތް ހާލަތަށްވުރެ ވެސް ދަށަށް ވެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރުމުން، އެ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އާއި ގުޅިގެން ސުޕްރީމް ކޯޓުން ނިންމި ނިންމުން އޮތީ ކުރީ ޒަމާނުގައި ރާއްޖޭގެ އަތޮޅެއްގައި އަންހެނަކު ބަލިވެއިނުމުން ނުވަތަ ކިޔާ އުސޫލުން ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ. 
"އިވިގެން މި ދިޔަ ޙުކުމް، އަޅުގަނޑުމެން ދަންނަ ވާހަކައެއް، ރާއްޖޭގެ އަތޮޅެއްގަ އަންހެނަކު ބަލިވެ އިނދެއްޖެއްޔާ، ނުވަތަ ކިޔުން ކިޔާ ކަމަކަށް ދާނެ ބޮނޑިބަތް ކައްކައިގެން، ދިޔައިމަ ފޫލުމައި މީހާ ބަނޑުގަ އަތްލާފަ ބުނާނެ އަންހެން ނުވަތަ ފިރިހެން. ބުނީމަ ދެން އެންމެން ބޮނޑިބަތް ކައިގެން އަންނަނީ. އެކަހަލަ ޙުކުމެއް ޏޫންތޯ މީ. ބަލިވެއިނީމަ ދެން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ އަންހެން ނުވަތަ ފިރިހެން. މެންބަރެއް ނުވަތަ މެންބަރެއް ނޫން. އެކަހަލަ ވައްތަރަކަށް، ނުވަތަ ކިޔުމަށް މި ދިޔައީ. އެއްގޮތަކަށްވެސް ޙުކުމަކަށް އެ ބެލޭކަށް ނެތް" މާރިއާ ވިދާޅުވިއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ